ޚަބަރު

ކާޑެއްދޫ އެއަރޕޯޓަށް ފްލައިޓް ދަތުރުތައް އަލުން ފަށައިފި


ގދ. ކާޑެއްދޫ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލުމަށްފަހު އަލުން އެއަރޕޯޓަށް ދަތުރުތައް ފަށައިފިއެވެ.

ކާޑެއްދޫ އެއަރޕޯޓުގައި އަލިފާން ނިއްވާ އުޅަނދަށް ދިމާވި މައްސަލައަކާ ގުޅިގެން އެއަރޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވަނީ އިއްޔެ މެންދުރު އެކެއް ޖަހާކަންހާއިރެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދާ ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަޤީލް ވިދާޅުވީ، ފަޔަރ ޓްރަކުގެ ވޯޓަރ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ރޭ 9:30 ހާއިރު، އެއަރޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާކަމަށެވެ.

ފަޔަރ ޓްރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، ގާތްގަނޑަކަށް 8 ގަޑިއިރު ވަންދެން ކާޑެއްދޫ އެއަރޕޯޓަށް ފްލައިޓް އޮޕަރޭޝަންތައް މެދުކަނޑާލާފައިވާއިރު، ކާޑެއްދޫއަށް ދަތުރުކުރުމަށް ޝެޑިއުލްކޮށްފައިވާ އެއްވެސް ފްލައިޓެއް ކެންސަލްކޮށްފައެއްނުވެއެވެ. ބަދަލުގައި ފްލައިޓްތައް ޖައްސާފައިވަނީ ގއ. ކޫއްޑޫ އެއަރޕޯޓަށެވެ.

ކާޑެއްދޫ އެއަރޕޯޓަށް މިވަގުތު ދަތުރުތައް ބާއްވަމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވިއަން އެކަންޏެވެ. އެ އެއަރލައިނުންވެސް ވަނީ ކާޑެއްދޫއަށް އަލުން ދަތުރުތައް ފަށާފައިވާކަން ހާމަކޮށްފައެވެ.