ޚަބަރު

އެއްދަންފަޅިއަށް ކިޔަވައިދޭން ހިންގާ ޕައިލެޓް ޕްރޮޖެކްޓަށް ބޮޑު ތަރުހީބެއް ލިބޭ - އެޑިއުކޭޝަން މިނިސްޓަރ


ދެވަނަ ޓާމާއެކު ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، މި ޕްރޮޖެކްޓަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ސްކޫލުތަކުގައި އެއްދަންފަޅިއަށް ކިޔަވައިދިނުމަށް ފެށި ޕައިލެޓް ޕްރޮޖެކްޓުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވަމުން، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޢަލީ ވިދާޅުވީ މި ޕްރޮޖެކްޓަކީ ދިގު މުއްދަތެއްގައި ފުރިހަމަ ކުރެވޭނެ ޕްރޮޖެކްޓެއް ނަމަވެސް މި ޕްރޮޖެކްޓް ވީ އެންމެ އަވަހަކަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށުމަށް މިނިސްޓްރީއިން މަސައްކަތް ކުރަމުންދާކަމަަށެވެ.

އެހެންނަމަވެސް، މިކަމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ޖާގަ ސްކޫލްތަކުގައި ނެތުމަކީ މިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ދެވަނަ ޓާމާއެކު ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ވަށާޖެހޭ ތަޢުލީމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، މި ޕްރޮޖެކްޓަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށެވެ. އެގޮތުން މިއިން ކޮންމެ ސްކޫލެއްގައި ފަތިހު ފަތިސް ނަމާދުން ފެށިގެންގޮސް ހަވީރު ތިނެއް ޖެހުމާއި ހަމައަށް މި ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވެފައިވާއިރު، އެކުދިން މި ޕްރޮޖެކްޓާމެދު ހިތްހަމަޖެހިފައިވާކަން ހާމަކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކޮންމެ ކުއްޖަކުވެސް ފަތިސް ނަމާދުކޮށްގެން ސްކޫލްގެ މާޙައުލުގައި ކުދިންނަށް ވަށާޖެހޭގޮތަށް ތަޢުލީމު ފޯރުކޮށްދެން ފަށާފައިވަނީ. އެގޮތުން ކުޅިވަރު ކުޅުމާއި، އެކްސްޓްރާ ކްލާސްވެސް މީގައި ހިމަނާފައިވާނެ. ދެ ވަނަ ޓާމާއިއެކު ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ވަށާޖެހޭ ތަޢުލީމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، މި ޕްރޮޖެކްޓަށް ބޮޑު ތަރުޙީބެއް ލިބިފައިވޭ. އެގޮތުން ބެލެނިވެރިންނާއި އެކި ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯތަށްވެސް ފެނިގެންދޭ." އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއެކޭޝަން މިނިސްޓަރ ވިދާޅުވީ، މި ޕައިލެޓް ޕްރޮޖެކްޓްގެ ސަބަބުން ތައުލީމީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އެގޮތުން މި ޕްރޮޖްކްޓްގައި ޑަބަލް ގަޑި އިތުރުކޮށް ކޮންމެ މާއްދާއަކަށް ޙާއްސަކުރެވޭ ގަޑި އިތުރުކުރުމަކީ ކުދިންގެ އުފެދޭ ސުވާލުތަކަށް ޖަވާބު ފުރިހަމައަށް ލިބި ރަނގަޅު ވަށާ ޖެހޭ ތަޢުލީމަކަށް މަގުފަހިވާނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރިމީޑިއަލް ކްލާސްތަކާއި ލައިފް ސްކިލްތައް މި ޕްރޮޖެކްޓުން ދަސްކޮށްދޭއިރު މިކަމުގެ ސަބަބުން ސްކޫލުން ނިކުންނަ ދަރިވަރަކީ މުޖުތަމައުއަށް ތައްޔާރުވެފައިވާ ކުދިންތަކަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓްގައި ޑަބަލް ގަޑި އިތުރުކޮށް، ރިމީޑިއަލް ކްލާސްތަކާއި ލައިފް ސްކިލްތަށް މި ޕްރޮޖެކްޓުން ދަސްކޮށްދޭއިރު މިކަމުގެ ސަބަބުން ސްކޫލުން ނިކުންނަ ދަރިވަރަކީ މުޖުތަމައުއަށް ތައްޔާރުވެފައިވާކުދިންނަށްވާނެ. މިކަން ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ބޭނުންވާނެ." އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ރާއްޖޭގެ 22 ސްކޫލެއްގައި އެއްދަންފަޅިއަށް ވަށާޖެހޭ ތަޢުލީމުގެ ޕައިލެޓް ޕްރޮޖެކްޓް ފަށާފައިވާއިރު، ރާއްޖޭގެ ކޮންމެ އަތޮޅަކުން 1 ސްކޫލާއި، ވިލިމާލެއާއި ހުޅުމާލެއިން އެއް ސްކޫލްގައި ވަނީ މި ޕްރޮޖެކްޓް ފަށާފައެވެ. ޖަޒީރާ ކޮންސެޕްޓަށް އެއްދަންފަޅިއަށް ވަށާޖެހޭ ތަޢުލީމު ސްކޫލް ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވަޢުދެކެވެ.