މުނިފޫހިފިލުވުން

ރިތިކްގެ "ސުޕަރ 30"އަށް ފޭނުން ކުރާ އުއްމީދު ބޮޑު


މިއަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމްތަކަަށް ބަލާއިރު އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރާނެ އެއް ފިލްމަކީ "ސުޕަރ 30" އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މި ފިލްމް ޚާއްސަވާ އެންމެ މުހިއްމު އެއް ސަބަބަކީ މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ބައޮގްރަފިކަލް ފިލްމެއްކަމަށްވާތީއެވެ. ހަމައެހެންމެ މި ފިލްމަކީ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަން ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް ސްކްރީނުން އަލުން ފެނިގެންދާ ފިލްމްކަމަށްވާތީ، އޭނާގެ ފޭނުން ތިބީ މި ފިލްމް ބަލާލެވޭނެ އިރެއްގެ އިންތިޒާރުގައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާގޮތަށް ކުރިން ހަމަޖެހިފައިއޮތް ފިލްމް ސުޕަރ 30 ރިލީޒްކުރުން ދިގުލައިގެންގޮސްފައިވަނީ ފިލްމްގެ ޑައިރެކްޓަރ ވިކާސް ބާލްގެ މައްޗަށް ޖިންސީ ގޯނާގެ ތުޙުމަތުތަކެއް ކުރެވުމާއެކު، ޕްރޮޑަކްޝަން ހައުސްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. އަދި އެ މައްސަލަތައް ކޯޓަށް ވެއްދުމާއެކު ފިލްމުގެ މަސައްކަތްތަކުން އޭނާ އެކަހެރިކޮށްފައިވާއިރު، ރިތިކް ވަނީ އެފަދަ ތުޙުމަތުތަކެއް ކުރެވޭ މީހަކާއެކު މަސައްކަތް ކުރަން ބޭނުންނުވާކަންވެސް ހާމަކޮށްފައެވެ. ނަމަވެސް ޑައިރެކްޓަރު ވިކާސްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުން އޭނާ ސަލާމަތްވުމާއެކު، ވިކާސްވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމާ އަލުން ގުޅިފައެވެ.

ސުޕަރ 30 ގެ އޮފިޝަލް ޓްރެއިލަރ މިހާރު އާއްމުކޮށްފައިވާއިރު، ފިލްމުގެ ޓްރެއިލަރއިންވެސް މި ފިލްމުގެ ތަފާތުކަމާއި، ރިތިކްގެ ފަރާތުން ފެނިގެންދާ މޮޅު އެކްޓިންނަށް ގިނަ ބަޔަކު މިހާރުވެސް އަންނަނީ ތަޢުރީފުކުރަމުންނެވެ. މިމަހުގެ 4 ވަނަ ދުވަހު ފިލްމްގެ ޓްރެއިލަރ އާއްމުންނަށް ދޫކޮށްލާފައިވާއިރު، ޓްރެއިލަރގެ ވިއުސް މިހާރުވެސް އުޅެނީ 40 މިލިއަނަށްވުރެ މަތީގައެވެ.

ޖުލައި 12 ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމް "ސުޕަރ 30"ގެ އޮފިޝަލް ޓްރެއިލަރ

ސުޕަރ 30 އިން ދައްކުވައިދެނީ އިންޑިއާގެ ބިހާރު އަވަށުގެ ވަރަށް ފަގީރު ޢާއިލާއަކަށް އުފަންވި އާނަންދް ކުމާރު ހިސާބު ޢިލްމުގެ ދާއިރާއިން ކެރިއަރެއް ބިނާކުރުމަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ މައްޗަށެވެ.

ވަކިން ޙާއްސަކޮށް އޭނާއަށް ލިބިފައިވާ ޢިލްމާ ހުނަރުގެ އެހީގައި ޢިލްމީގޮތުން ޤާބިލު އެހެންނަމަވެސް، އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވެފައިތިބި ދަރިވަރުންތަކަކަށް "ސުޕަރ 30"ގެ ނަމުގައި އޭނާ ހިންގި ޕްރޮގްރާމުގެ ކާމިޔާބީއަށާއި، ހިތްވަރާއެކު ކަމަކާ ކުރިމަތިލައިފިނަމަ އެންމެ މީހަކަށްވެސް ތަފާތެއް ދައްކުވައިދެވިދާނެކަން މި ފިލްމުން އަންގައިދެއެވެ.

ސުޕަރ 30 ގައި ރިތިކް ދައްކުވައިދޭ އާނަންދުގެ ކެރެކްޓަރއަށް ގިނަ ބައެއްގެ ތަޢުރީފު އޮހެމުންދާއިރު، މިއީ އަހަރުތަކަކަށްފަހު ރިތިކްއަށް ބޮލްކް ބާސްޓަރ ފިލްމްތަކުން ޖާހަގައެއް ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބޮލީވުޑްގެ ކަންކަން ވިލަރެސްކުރާ ބައެއް ފަރާތްތަކުންވެސް ބުނެފައިވެއެވެ.

2000 ގެ އަހަރުތަކުގެ ކުރީކޮޅު ވަރަށްވެސް ކާމިޔާބު ފިލްމްތަކެއް ގެނެސްދީފައިވާ ރިތިކް އެންމެފަހުން ފެނިގެންދިޔަ 2 ފިލްމްކަމަށްވާ "ކާބުލް" އަދި "މޮހެންޖޯ ދާރޯ"އަށް ބޮކްސް އޮފީހުގައި އުއްމީދު ކުރިވަރުގެ ކާމިޔާބީއެއް ނުލިބުންނަމަވެސް، މި ފިލްމަކީ ތަފާތު ދައްކުވައިދޭނެ ފިލްމެއްކަން ރިތިކްވެސް ބުނެފައިވެއެވެ.

ސުޕަރ 30 ގައި ރިތިކްއާއެކު ބަތަލާއެއްގެ ރޯލުން ފެނިގެންދާނީ އެކްތާ ކަޕޫރުގެ ޓީވީ ސީރީޒް "ކުމްކުމް ބާގްޔަ" އިން ބެލުންތެރިންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ މުރުނާލް ތާކޫރެވެ. ފިލްމުގައި ފެނިގެންދާ އިތުރު ކާސްޓުންގެ ތެރޭގައި އަމިތު ސާދާއި، ޕަންކަޖް ތުރިޕަތީ ހިމެނެއެވެ.

ސުޕަރ 30 އަށް އެކްޓަރ ރިތްކް ރޯޝަންއާއި އޭނާގެ ފޭނުން ކެތްމަދުވެފައިތިބިއިރު، އަޑިއަޅާލާފައިވާ ރިތިކްގެ ފިލްމީ ކެރިއަރ، މި ފިލްމާއެކު ކާމިޔާބީއަކާއި ދިމާލަށް މިސްރާބުޖެހުން އެއީ ރިތިކްގެ ފޭނުން މިހާރު ކުރާނެ އެންމެ ބޮޑު އުއްމީދުކަން ޔަޤީނެވެ.