ޚަބަރު

6 ޤައުމެއްގައި ރާއްޖެ އިޝްތިހާރުކޮށްދޭނެ ބަޔަކު ހޯދަނީ


ސޯޝަލް މީޑިއާ މެދުވެރިކޮށް 6 ޤައުމެއްގައި ރާއްޖެ އިޝްތިހާރުކޮށްދޭނެ ބަޔަކު ހޯދުމަށް އެމް.އެމް.ޕީ.އާރު.ސީން އިއުލާންކޮށްފިއެވެ.

މިއީ އެކުންފުނިން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ގްލޯބަލް ކެޕްމެއިންގެ ދަށުން ކުރިއަށްގެންދާ ހަރަކާތެއްކަމަށް އެމް.އެމް.ޕީ.އާރު.ސީން ބުނެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ފަށާފައިވާ ކެމްޕެއިންގެ ދަށުން އެމްއެމްޕީއާރުސީން މިފަހަރު އިޢުލާންކޮށްފައިވަނީ އެމެރިކާ، ޔުކްރެއިން، ތައިލެންޑް، ރަޝިއާ، އިންޑިއާ އަދި ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

މިމަސައްކަތްކުރާ ފަރާތްތަކުން ނެޓްވޯރކްގެ ޒަރިއްޔާއިން ޑިޖިޓަލްކޮށް މާކެޓިންގ ހަރަކާތްތައް ކުރިއަށްގެންދަން ޖެހޭއިރު، ސޯޝަލް މީޑިއާ މެދުވެރިކޮށް ލިޔުންތަކާއި ވީޑިއޯ އަދި ފޮޓޯ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތައް ހިންގަން ޖެހޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން ހުޅުވާލާފައިވާ ފުރުސަތުގައި ސޯޝަލް މީޑިއާގައި ރާއްޖެ ޕްރޮމޯޓްކޮށް އިޝްތިހާރުކުރަން ބޭނުންވާ ފަރާތްތަކަށް ޖޫން 24 ވަނަ ދުވަހުގެ ކުރިން އެކުންފުނީގެ އީމެއިލް އެޑްރެހަށް ޕްރޮޕޯސަލް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލް ވިޒިޓް މޯލްޑިވްސްގެ ވެބްސައިޓްއިން ލިބޭނެކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބައިނަލްއަޤްވާމީ 22 މާކެޓަކަށް ބަހާލައިގެން ރާއްޖެ ޕްރޮމޯޓްކުރުމުގެ މާކެޓިންގ ޕްލޭނެއް އެކުންފުނިން ވަނީ އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން ބައިނަލްއަޤްވާމީ އެކި ފެއަރތަކާއި ރޯޑް ޝޯވތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން މިއަހަރުތެރޭ ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން ވެސް ދަނީ މިކަމަށް ޚާއްސަ އިސްކަމެއް ދީގެން ފަތުރުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން މިއަހަރު ރާއްޖެ އިޝްތިހާރުކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް 3 ގުނައަށް ބޮޑުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.