ވިޔަފާރި

މިދިޔަމަހު އެންމެ ގިނައިން މުދާ އެތެރެެކުރީ ޗައިނާއިން - ކަސްޓަމްސް

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންކަމަށް މޯލްޑިސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެ މުދަލުގެ 22 އިންސައްތައަކީ ޗައިނާއިން އެތެރެކުރި މުދަލެވެ. އަގުގެ ގޮތުން މިއީ 802 މިލިއަން ރުފިޔާގެ މުދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހު އެންމެ ގިނައިން މުދާ އެތެރެކުރި ޔޫ.އޭއީންނެވެ. ރާއްޖެއަށް އެތެރެކުރި މުދަލުގެ 21 އިންސައްތަ ޔޫއޭއީން އެތެރެކުރިއިރު، އޭގެ އަގު 761 މިލިއަން ރުފިޔާއަށް އަރައެވެ. ސިންގަޕޫރުން 425 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު، އިންޑިއާއިން ވަނީ 295 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. 5 ވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރި ސްރީލަންކާއިން އެތެރެކޮށްފައިވަނީ 202 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލަށް ބަލާލާއިރު، 232 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ޖުމްލަ އެކްސްޕޯޓްގެ 47 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު، އޭގެ އަގު 109 މިލިއަން ރުފިޔާއަށް އަރައެވެ.

ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރި ޖަރުމަން ވިލާތަށް، 27 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. ފްރާންސަށް 19 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، އެމެރިކާއަށް ވަނީ 13 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައެވެ. އަދި ވިއެޓްނާމަށް 10 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކްސްޕޯޓް އިމްޕޯޓުން އެހެން ހިސާބުތަކަށް ބަލާލާއިރު، މިދިޔަމަހު ރާއްޖެއަށް ޖުމްލަ 3.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި 232 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު އެކްސްޕޯޓް އިމްޕޯޓް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 271 މިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް މިއީ އޭގެ ކުރީ އޭޕްރީލްމަހު ލިބުނު 300 މިލިއަން ރުފިޔާއާ އަޅާބަލާއިރު، 29 މިލިއަން ރުފިޔާ މަދު އަދަދެކެވެ.