ޚަބަރު

އައްޑޫ ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދަނީ


އައްޑޫސިޓީގައި ޤާއިމު ކުރާ ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންގެ ހިޔާލަށް އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ޤާއިމުކުރާ ހޮސްޕިޓަލަށް ކިޔާނެ ތިން ނަމެއް އެ ސިޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އަދި ޓްވީޓަރ މެދުވެރިކޮށް އެތަނުން ނަމެއް ކަނޑައެޅުމަށް އާއްމުކޮށް ވަނީ ހުޅުވާލާފައެވެ. އައްޑޫސިޓީ ކައުންސިލުން އާއްމުކޮށްފައިވާ ތިން ނަމަކީ "އިކުއިޓޯރިއަލް އައްޑޫ ހޮސްޕިޓަލް " "އައްޑޫ ހޮސްޕިޓަލް " އަދި 'ސުވާދީވް ހޮސްޕިޓަލް ' އެވެ.

ސިޓީ ކައުންސިލުން ބުނީ މިނަންތަކަށް ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މާދަމާ މެންދުރު 12 ޖެހުމާއި ހަމައަށެވެ. އަދި ހޮސްޕިޓަލަށް ކިޔަން ފެންނަނަމެއް ޓްވީޓަރ ގައި ކޮންމެންޓް މެދުވެރިކޮށް ހިއްސާކުރުމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ހޮސްޕިޓަލަށް ކިޔާނެ ނަމެއް ހޯދުމަށް ކުރި ޓްވީޓް

އައްޑޫސިޓީ ގައި ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މިއަހަރުގެ އޮގަސްޓް މަހު ހޮސްޕިޓަލް ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.

ހޮސްޕިޓަލަށް ކިޔަން ކަނޑައެޅު ތިން ނަމުގެ ތެރެއިން "އިކުއިޓޯރިއަލް އައްޑޫ ހޮސްޕިޓަލް" މި ނަން ނިސްބަތްވަނީ މިހާރު ހޮސްޕިޓަލް އަޅަމުންދާ އިމާރާތަށެވެ. މި އިމާރާތަކީ 2011 ވަނަ ރާއްޖޭގައި ބޭއްވި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި ތަނަކެވެ.

ހޮސްޕިޓަލަށް ކަނޑައެޅި ނަންތަކުގެ ތެރެއިން ސުވަދީބް އެ ނަމަކީ ދެކުނުގެ އަތޮޅުތައް ގުޅިގެން އިނގިރޭސީންނާއި އެކު އުފެއްދި ސަރުކާރަށް ދިން ނަމެވެ.