ވިޔަފާރި

ނައިޓްމާކެޓުގައި ވިއްކޭނީ ފިހާރަތަކުގައި ނުވިކި ހުންނަ މުދާ އެކަނި


ރާއްޖޭގައި ބާއްވާ ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދާކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ކަނޑައަޅާފައިވަނީ ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައެވެ. އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ މިއުސޫލަކީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، ގަނެ ވިއްކުމުގެ ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާއި ރެގިއުލޭޓްކުރުމަށްޓަކައި އެކުލަވާލާފައިވާ އުސޫލެކެވެ.

މިއުސޫލުގައިވާ ގޮތުން ރާއްޖޭގައި ބާއްވާ ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރުތަކުގައި ވިއްކަނީ، ހަމައެކަނި ރާއްޖޭގައި ޤާއިމުވެގެން ހިންގާ ފިހާރައެއްގައި ނުވިކި ހުރި މުދާކަން ކަށަވަރުކުރަންޖެހޭނެއެވެ. މީގެ އިތުރުން މިއުސޫލުގެ ދަށުން ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު އިންތިޒާމްކުރުމުގެ ހުއްދައަށް އެދި ފޯމް ހުށަހެޅޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމުޢިއްޔާތަކަށް އެކަނިކަމަށް ބުނެފައިވެއެވެ.

މިއުސޫލުގެ ދަށުން ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރާނީ ސިޓީއެއްނަމަ ސިޓީ ކައުންސިލު އަދި ރަށެއްނަމަ ރަށު ކައުންސިލް މެދުވެރިކޮށްކަމަށް ބުނެފައިވެއެވެ. އަދި ފެއަރ، ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ބޭއްވޭނީ އެންމެ ގިނަވެގެން 7 ދުވަހުގެ މުއްދަތަށްކަމަށްވެސް މިއުސޫލުގައި ބުނެފައިވެއެވެ.

މިއުސޫލުގެ ދަށުން ނައިޓްމާކެޓް ނުވަތަ ފެއަރ ބާއްވަނީ ދެހާހަށް ވުރެ މަދު މީހުންގެ އާބާދީއެއް ހިމެނޭ ރަށެއްގައިނަމަ ޕްރޮސެސިން ފީއެއްގެ ގޮތުގައި ދިހަ ހާސް ރުފިޔާ ދައްކަންޖެހެއެވެ. އަދި ނައިޓްމާކެޓް ނުވަތަ ފެއަރ ބާއްވަނީ ދެހާސް މީހުންނަށް ވުރެ ބޮޑު އާބާދީއެއްގައިނަމަ ވިހި ހާސް ރުފިޔާގެ ޕްރޮސެސިންގ ފީއެއް ދައްކަންޖެހެއެވެ.

ރާއްޖޭގައި ބާއްވާ ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރުތަކުގައި ވިއްކޭނީ ހަމައެކަނި ފިހާރަތަކުގައި ނުވިކި ހުންނަ މުދާކަމަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި މިވަނީ ބައެއް ފަރާތްތަކުން ނައިޓް މާކެޓަށް ޚާއްސަކޮށް ރާއްޖެއިން ބޭރުން މުދާ ގެނެސްގެން ވިޔަފާރިކުރަމުންދާކަމަށް ބުނެ، އެކަމުގެ ސަބަބުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށް ގެއްލުން ކުރިމަތިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.