ޚަބަރު

ކުޅުދުއްފުށީ އެއަރޕޯޓަށް އުދައަރައި ގެއްލުންވެއްޖެ


ހދ.ކުޅުދުއްފުށީ އެއަރޕޯރޓްގެ ހުޅަގުކޮޅުން ވަރަށްބޮޑަށް އުދައަރައި އެސަރަހައްދުގައި ޖަހާފައި ހުރި ފެންސުގެ ބައެއް ހަލާކުވެއްޖެއެވެ.

މިދުވަސްވަރު ކުރަމުންދާ ވިއްސާރާގައި ކަނޑުގަދަވެ މޫސުން ގޯސްވުމާއެކު ކަނޑު ގަދަވެ ރަޅުބޮޑުވާ ވަގުތުތަކުގައި ކުޅުދުއްފުށީ އެއަރޕޯޓާ ދިމާއިން އެރަށަށް އުދައަރަމުންދާކަން ފާހަގަކުރެވެއެވެ. އެއަރޕޯރޓުގެ ހުޅަގުކޮޅުން މޫދުގައި ޖަހާފަވާ ހިލަ ތޮށިވަނީ އުދައެރުމުގެ ސަބަބުން ވަރަށްބޮޑަށް ހަލާކުވެފައެވެ.

މިކަމާ ގުޅޭގޮތުން ރީޖަނަލް އެއަރޕޯރސްގެ މެނޭޖިން ޑިރެކްޓަރ ސާމީ އަޤީލް ވިދާޅުވީ އެސަރަޙައްދަށް އުދައަރައި ގެއްލުން ލިބެމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެތަނަށް ލިބިފަވާ ގެއްލުން ބަލައި މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ. މޫސުމާ ގުޅުންހުރި މައްސަލައެއްކަމުން ދިރާސާ ކުރަންޖެހޭ ކަންކަން އެބަހުރިކަމަށާ، އެކަންކަން ކުރުމަށްފަހު ޑިޒައިނަށް ބަދަލެއް ގެންނަން ޖެހޭނަމަ ގެންނާނެކަމުގައިވެސް ސާމީ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ރާޅުއަރައިގެން މިސަރަހައްދުގެ ތޮށިގަނޑު ހަލާކުވެގެން މަރާމާތު ކޮއްފައިވާކަން ފާހަގަކޮއްލެވެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކައި އޭޕްރަނެއްވެސް ވަނީ ހަދާފައެވެ. އަދި ޓާމިނަލްގެ މަސައްކަތް މިހާރު ދަނީކުރަމުންނެވެ.