ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނީ 6.5 އިންސައްތަ - އައި.އެމް.އެފް


ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން މިއަހަރު ހުންނާނީ 6.5 އިންސައްތައިގައިކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްއިން ހާމަކޮށްފިއެވެ.

އައި.އެމް.އެފްއިން މިކަން ހާމަކޮށްފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދިރާސާކުރުމަށްފަހު ނެރެފައިވާ ރިޕޯޓެއްގައެވެ.

އައި.އެމް.އެފްގެ ރިޕޯޓުގައި ފަތުރުވެރިކަމާއި އިމާރާތްކުރުމާއި ވިޔަފާރީގެ ސިނާޢަތަށް ލިބުނު ކުރިއެރުމާއެކު މިދިޔަ އަހަރުތަކުގައި ރާއްޖޭގެ އިޤްތިޞާދު ހަލުވި މިނެއްގައި ކުރިއަރާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި 2017 ވަނަ އަހަރު 6.9 އިންސައްތަ ކުރިއެރިއިރު، 2018 ވަނަ އަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އިޤްތިޞާދީ ދުވެލި ހުރީ 9.1 އިންސައްތައިގައިކަމަށް އައި.އެމް.އެފްއިން ބުނެއެވެ.

މިރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ ދަރަނި އަހަރުން އަހަރަށް ބޮޑުވަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރު ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 3 އިންސައްތައިގައި ހުރިއިރު، މިދިޔަ އަހަރު ފިސްކަލް ޑެފިސިޓް އުޅުނީ ޖީޑީޕީގެ 4.3 އިންސައްތައިގައިކަމަށް އައި.އެމް.އެފުން ބުނެއެވެ.

އައި.އެމް.އެފްގެ ރިޕޯޓުގައި ސަރުކާރުން ފަށަން ނިންމާފައިވާ މަޝްރޫޢުތަކާއެކު ދަރަނި ކުޑަކުރެވޭނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ޓެކްސްއާ ގުޅޭގޮތުން ކަންކަމަށް ހަރުދަނާ އިސްލާހުތަކެއް ގެންނަމުންދާތީ، އެކަމުގެ ސަަބަބުންވެސް ދަރަނި ކުޑަކުރުމަށް މަގުފަހިވެގެންދާނެކަމަށް އައި.އެމް.އެފްއިން ލަފާކުރެއެވެ. މިކަންކަމުގެ އިތުރުންވެސް ދަރަނި ކުޑަކުރުމަށް ރާއްޖެއިން ގިނަ ފިޔަވަޅުތަކެއް އެޅެން އެބަހުރިކަންވެސް އައި.އެމް.އެފްއިން ފާހަގަކުރެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭ ގޮތުން އައި.އެމް.އެފްއިން ރިޕޯޓެއް ނެރެފައިވާއިރު، ވޯލްޑް ބެންކުންވެސް ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ރިޕޯޓެއް ނެރެފައެވެ. އެރިޕޯޓުގައި ވޯލްޑް ބެންކުން ލަފާކޮށްފައިވަނީ މިއަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުވެލި ކުރިއަރާނީ 5.7 އިންސައްތައަށްކަމަށެވެ. މިއީ މިއަހަރު ޖެނުއަރީމަހު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރި 6.3 އިންސައްތައަށްވުރެ 0.6 އިންސައްތަ ދަށް އަދަދެކެވެ.

މިއަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައިގައި ހުންނާނެކަމަށް ލަފާކޮށްފައިވާއިރު، އަންނަ އަހަރު އިޤްތިޞާދީ ދުވެލި ހުންނަނީ 5.2 އިންސައްތައިގައެވެ. އަދި 2021 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުންނަނީ 5.3 އިންސައްތައިގައިކަމަށްވެސް ވޯލްޑް ބެންކުން ލަފާކުރެއެވެ.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި 5.7 އިންސައްތައާއި 5.3 އިންސައްތައާ ދެމެދު މި ތިން އަހަރު ހުންނާނެކަމަށް ލަފާކުރިއިރު، މިދިޔަ 3 އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރީ 7.3 އިންސައްތައާއި 7.9 އިންސައްތައާ ދެމެދުއެވެ.