ކުޅިވަރު

ޔުވްރާޖް ސިންގް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި


އިންޑިއާގެ ކުރީގެ އެއްވަނަ ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގްހ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް ޢިއުލާން ކޮށްފިއެވެ.

ބޯރޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން މިހާރު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

ޔުވްރާޖް ބުނީ، އޭނާގެ ފިޓްނަސް ޓެސްޓުން ފެއިލް ވެއްޖެނަމަ، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ރިޓަޔާމެންޓް މެޗެއް ކުޅުމުގެ ފުރުސަތު ބީ.ސީ.ސީ.އައި އިން އޭނާއަށް ދިން ކަމަށާއި، ނަމަވެސް ގައުމީ ޓީމުން ރިޓަޔާކުރަން އޭނާ ޚާއްސަ މެޗެއް ބޭނުން ނުވާކަމަށެވެ.

2011ވަނަ އަހަރުގެ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔުވްރާޖް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިނަމަވެސް ޓީ ޓްވެންޓީ މުބާރާތްތަކުގައި ކުޅުމުގެ ހުއްދައަށް އޭނާ އެދިފައިވާ ކަމަށެވެ.

އުމުރުން 37އަހަރުގެ ޔުވްރާޖް އެންމެ ފަހުން އިންޑިއާގެ ގައުމީ ޓީމަށް މެޗެއް ކުޅުނީ 2017ވަނަ އަހަރު ވަން ޑޭ އިންޓަނޭޝަނަލް މެޗެއްގައި ވެސްޓް އިންޑީސް އާއި ދެކޮޅަށެވެ.

2012ވަނަ އަހަރު ޔުވްރާޖްގެ ފުއްޕާމެއަށް ކެންސަރު ޖެހުމާއެކު އަވަސް މުސްތަގުބަލެއްގައި ކުޅުން ހުއްޓާލާނެ ކަމަށް އޭރު ވަނީ ބެލެވިފައެވެ. ނަމަވެސް އަދި އިތުރު އެއް އަހަރު ކްލަބް ލެވެލްގައި އޭނާ ކްރިކެޓް ކުޅޭނެ ކަމަށް ބެލެވެއެވެ.

ޔުވްރާޖް ބުނީ މިއުމުރުގައި ޓީ ޓްވެންޓީ ކްރިކެޓް ކުޅެން އަދިވެސް އޭނާ ބޭނުންވާ ކަމަށެވެ.

އިންޑިއާގެ ކްރިކެޓަށް ލޯބިކުރާ ގިނަ ފަރާތްތަކުން އަންނަނީ ޔުވްރާޖް ގައުމީ ޓީމަށް ކުޅުނު ޖާސީ ނަމްބަރު ބާރަ ރިޓަޔާ ކުރުމަށް ގޮވާލަމުންނެވެ.