200 އަށް ވުރެ ގިނަ ޓުއަރ އޮޕަރޭޓަރުންނާއެކު ޓީޓީއެމް ޓްރެވަލް ސަމިޓް 2019 ފަށައިފިއެވެ.
މިއަހަރުގެ ޓީޓީއެމް ޓްރެވަލް ސަމިޓް ކުރިއަށްދަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.
ޓްރެވެލް ޓްރޭޑް މޯލްޑިވްސް، ޓީޓީއެމް ޓްރެވަލް ސަމީޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ސަމިޓެވެ. މިއަހަރުގެ ފެއަރގައި ރިސޯޓުތަކާއި އެކި ކުންފުނިތައް ހިމެނޭހެން 200 އަށްވުރެ ގިނަ ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދިޔަ މި ސަމިޓް ޝަރަފްވެރިކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއެވެ.
މި ފެއަރ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސަންޖޭ ސުދީރް ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާ ވާހަކަދައްކަވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޮޕް މާކެޓަށް އިންޑިއާ އައުމަކީ ދެކެން ބޭނުންވާ ދުވަހެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފާއިތުވި 2 އަހަރުވެސް މި ސަމިޓް ބާއްވާފައިވާއިރު މިއަހަރުގެ ސަމިޓް ޚާއްސަކުރެވިފައިވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ދާއިރާގައި ފުންނާބު އުސް ބޭފުޅުން މިސަމިޓްގައި ބައިވެރިވެ މަޢުލޫމާތު ދީފައިވެއެވެ. ވަކިން ޚާއްސަކޮށް އާރޓިފިޝަލް އިންޓޭލިޖެންސް ބޭނުންކޮށްގެން މިދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅުވައިގެން ޕްރޮފެސަރ ހަސަން އުގެއިލް ވަނީ ޚާއްސަ ޕްރެސެންޓޭޝަނެއް ވެސް ދީފައެވެ.
ޓީޓީއެމް ޓްރެވެލް ސަމިޓް ކުރިއަށްދާނީ މިމަހުގެ 11 އިން 13 ގެ ނިޔަލަށެވެ. އެގޮތުން މިއަދު ޓީޓީއެމް ސަމިޓް ރަސްމީކޮށް ފަށާފައިވާއިރު ޖޫން 12 އިން 13 އަށް ޓީޓީއެމް ސަޕްލައިޔާ އެކްސްޕޯ ކުރިއަށްދާނެކަމަށް ޓީޓީއެމް ހިންގާ އޯރކާ ގްރޫޕްއިން މަޢުލޫމާތުދެއެވެ.
މި ފެއަރގައި 50 އަށް ވުރެ ގިނަ ޓްރެވެލް އޭޖެންޓުންތައް ބައިވެރިވެ ޕްރީ ޝެޑިއުލް މީޓިންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން 100 އަށް ވުރެ ގިނަ ރިސޯޓުތަކުގެ އެކި ޑިޕާޓްމެންޓުތަކުގައި ހަރަކާތްތެރިވާ ބޭފުޅުން މި ފެއަރގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އޯރކާ ގްރޫޕްއިން ބުނެއެވެ. މީގެ އިތުރުން ޓީޓީއެމް ސަމިޓް ނިންމުމުގެ ގޮތުން ގާލާ ނައިޓްއެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ހަފްލާ ކުރިއަށްދާނީ އަދާރަން ސިލެކްޓް ހުދުރަންފުށީގައެވެ.
އޯރކާ ގްރޫޕްއިން ބުނީ މިއަހަރުގެ ޓީޓީއެމް ފެއަރގެ އަމާޒަކީ ރާއްޖެއަށް އަހަރަކު 2 މިލިއަން ފަތުރުވެރިން ގެނެސް 2020 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް 3.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދުމެވެ.