ޚަބަރު

އޭސީސީގެ އެންގުމަށް ދީއްދޫއިން ފްލެޓް ދޫކުރުން މަޑުޖައްސާލައިފި


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީގެ އެންގުމަށް ހއ. ދިއްދޫއިން ފްލެޓް ދޫކުރުން މަޑުޖައްސާލައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ، އޭ.ސީ.ސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ދިއްދޫއިން ދޫކުރުމަށް އިޢުލާންކޮށްފައިވާ 110 ފްލެޓް ދޫކުރުމުގެ ކަންކަން މިހާރު މަޑުޖައްސާލާފައިވާކަމަށެވެ.

އެނގިފައިވާގޮތުގައި ދިއްދޫއިން ފްލެޓް ދޫކުރުން މަޑުޖައްސާލުމަށް އޭ.ސީ.ސީއިން އަންގާފައިވަނީ ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފައިވާފަދަ ކަމެއް ހިނގާފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ހއ. ދިއްދޫގައި ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 240 ފްލެޓް ވަނީ އިމާރާތްކޮށްފައެވެ. އޭގެ ތެރެއިން 140 ފްލެޓް ދޫކޮށްފައިވަނީ ކުރީގެ ސަރުކާރުންނެވެ. އަދި ބާކީ 110 ފްލެޓަށް ކުރިމަތިލުމަށްވެސް ހުޅުވާލާއި، ފްލެޓް ލިބޭ މީހުންގެ ލިސްޓު އޭރުގެ ސަރުކާރުން ޢާއްމުކޮށްފައިވެއެވެ.

އެހެން ނަމަވެސް އެލިސްޓު އެކުލަވާލާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށްބުނެ ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން، އެ ލިސްޓު ބާޠިލުކޮށް، މި ސަރުކާރުން ވަނީ އެ ލިސްޓް ރިވިއުކޮށްފައެވެ. އަދި އަލުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރިއިރު، ކުރިން އާއްމުކުރި ލިސްޓުގައި ނަން އޮތް ފަރާތްތަކުގެ ނަން ފަހުން އާއްމުކުރި ލިސްޓުގައި ނެތުމުން އެރަށުގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އަދި އެއީ ވަކިބަޔަކަށް ސިޔާސީގޮތުން މަންފާތަކެއް ހޯދައިދިނުމަށް ކޮށްފައިވާކަމެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައިވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.