ވިޔަފާރި

ގެސްޓްހައުސް ހިންގަން ބޭނުންވާ ފަރާތްތަކަށް ފަސޭޙައިން ފައިސާ ހޯދައިދިނުމަށްޓަކައި މަޖިލީހަށް ޤަރާރެއް


ރާއްޖޭގައި ގެސްޓްހައުސް ހިންގަން ބޭނުންވާ ފަރާތްތަކަށް ފަސޭޙައިން ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހަޅުއްވާފައިވާ ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ރިސޯޓްތަކުގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ ދަށަށް ގޮސްފައިވާކަމަށެވެ. ހަމަ އެފަދައިން ރަށްރަށުގެ ރައްޔިތުންނަށް ސީދާ މަންފާ ލިބެމުން އަންނަ ގެސްޓް ހައުސްގެ ވިޔަފާރިވެސް ބިދޭސީ އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ގޮސް، ގެސްޓް ހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެ، ގެސްޓް ހައުސްގެ މުޅި ވިޔަފާރި ބޭރު އިންވެސްޓަރުންގެ ކޮންޓްރޯލުގެ ދަށަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާކަމަށެވެ.

މިކަން މިގޮތަށް ދިމާވަނީ ދިވެހިރާއްޖޭގެ ބޭންކުތަކުން ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމުގެ ސަބަބުންކަމަށް ޖާބިރުގެ ޤަރާރުގައިވެއެވެ. އެހެންކަމުން ގެސްޓް ހައުސްގެ ވިޔަފާރީގެ ކޮންޓްރޯލް ބިދޭސީ އިންވެސްޓަރުންގެ ފުރިހަމަ ކޮންޓްރޯލުގެ ދަށަށް ދިއުން ހުއްޓުވުމަށްޓަކައި ދައުލަތުގެ ސޮވެރިން ގެރެންޓީ ދީގެންނަމަވެސް، ގެސްޓް ހައުސް އިންވެސްޓަރުންނަށް ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖެއްސުމަށް ޖާބިރުގެ ޤަރާރުގައި ގޮވާލާފައިވެއެވެ.

މިޤަރާރުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައިވާއިރު، ދެން އޮންނާނީ މިޤަރާރާ މެދު މަޖިލީހުގައި ބަހުސްކޮށް، ވޯޓަށް އެހުމެވެ.