ޚަބަރު

މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގިދާނެ ތަފާތު ޕްރޮގްރާމްތަކާގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދަނީ

މުޖުތަމަޢު ބާރުވެރިކުރުވުމަށް ހިންގިދާނެ ތަފާތު ޕްރޮގްރާމްތަކާ ގުޅޭގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް "މުޖުތަމަޢު ބާރުވެރިކުރުވުން - ހުދު ކަރުދާސް" މި ނަމުގައި ޙާއްސަ ކަރުދާހެއް މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ނެރެފިއެވެ.

މި ކަރުދާސް ނެރެފައިވަނީ އެކަމަށްޓަކާ ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ކޮމްޕިއުޓަރ ސައިންސާއި، ހިސާބު ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރައްވައިގެން ހުންނެވި ޕްރޮފެސަރ ޙަސަން އުގެއިލެވެ.

"ކޮމިއުނިޓީ އެމްޕަވަރމަންޓް" ނުވަތަ މުޖުތަމަޢު ބާރުވެރިކުރުވުމަށް ރަށްރަށުގައި ހިންގުމަށް ފެންނަ ހަރަކާތްތަކާއި ގުޅޭގޮތުން އާއްމުކޮށްފައިވާ މި ކަރުދާސް އެކުލަވާލާފައި ވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެގޮތުން މުޖުތަމަޢުގެ ތަރައްޤީއަށް ފަރުދީ ޒިންމާ އިތުރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް ބޭނުންވާ މަޢޫލޫމާތު ފޯރުކޮށްދިނުން އަދި މުޅި އުމުރަށް ދެމިގެންދާ އުނގެނުމާއި، ހުނަރުވެރިކަން ތަރައްޤީކުރުމަށް ވަކިވަކި ރަށްރަށުގައި ހިންގުމަށް ފެންނަ ހަރަކާތްތައް މި ކަރުދާހުގައި ހިމަނާފައިވެއެވެ.

ހުދު ކަރުދާސް ނެރެދެއްވާ ވާހަކަދައްކަވަމުން ޕްރޮފެސަރ އުގެއިލް ވިދާޅުވީ، މި ކަރުދާހުގައި ހިމަނާފައިވަނީ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުމަށް ވަރަށްވެސް ބޭނުންތެރި ކަންކަންކަމަށެވެ. އަދި ޤައުމު ބިނާކުރުމުގައި ޒުވާނުންގެ ދައުރާއި ޒިންމާތައްވެސް މި ކަރުދާހުގައި ހިމަނާފައިވާކަން ފާހަގަކުރައްވާ، މިކަރުދާހުގެ ބޭނުން ހުރިހާ ފަރާތްތަކަކުން ހިފުމަށް އުގެއިލް ވިދާޅުވިއެވެ.

"އާއްމުގޮތެއްގައި އަޅުގަނޑު އެއްޗެހި ދިރާސާކުރާއިރު ވަރަށް ކްރިޓިކަލްކޮށް ބަލަނީ.. އަޅުގަނޑު މި ކަރުދާސް ދިރާސާކޮށް ބަލާލިއިރު، ހަޤީޤަތުގައިވެސް އަޅުގަނޑަށް މި ކަރުދާސް ވަރަށް ކަމުދޭ.. މީގަ ބަޔާންކުރެވިފައިވާ ކަންތައްތަކަށް ބަލާއިރު، އެބަހުރި ވަރަށް މައިގަނޑު މުހިއްމުކަންކަން.. ސްކޫލުން އަޅުގަނޑުމެންނަށް ކިޔާނުދޭ، އެހެންނަމަވެސް އަޅުގަނޑުމެން ދަސްކުރަންޖެހޭ.. ޙާއްސަކޮށް އަޅުގަނޑުމެންގެ ޒުވާނުން ޤައުމު ކުރިއެރުވުމުގައި، ޤައުމު ބިނާކޮށް، ބައްޓަންކުރުމުގައި ކުރަންޖެހޭ ބައެއްކަންކަން މި ކަރުދާހުގައި ހިމަނާފައި އެބަހުރި.." އުގެއިލް ވިދާޅުވިއެވެ.

ހުދު ކަރުދާހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ، ރަށެއްގައި ކުރިއަށްގެންދަން ބޭނުންވަނީ ކޮން ޕްރޮގްރާމެއްކަން ބުނެދޭން އެންމެ ފަސޭހަވާނީ ސީދާ އެރަށެއްގެ ބަޔަކަށްކަމަށާއި، މި ކަރުދާހުގެ ބޭނުމަކީ އެރަށެއްގައި ހިންގަން ބޭނުންވާ ޕްރޮގްރާމެއް ބައްޓަންކުރާނެގޮތް އެ ރައްޔިތުންނަށް ބުނެދިނުންކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުރިކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

"މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކުރުން.. ކައުންސިލްތަކާއި ގާތުން މަސައްކަތް ކުރުން.. އެހެންވީމަ ކައުންސިލްތަކުން ރައްޔިތުން، ޖަމިއްޔާތަކުން މިކަމަށް އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާދެއްވީމަ، އެ މަޝްވަރާއެއްގެ އަލީގައި އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް އެ މަސައްކަތް ކުރާނަން.." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ހުދު ކަރުދާހަށް އުނިއިތުރު ގެނެއުމުގެ ފުރުޞަތު ޔޫތު މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ އާއްމުންނަށް ހުޅުވާލާފައެވެ. އެގޮތުން މި ކަރުދާހުގައި ހިމެނޭ ދާއިރާތަކާއި ގުޅޭގޮތުން ގެންނަން ފެންނަ ބަދަލުތަކާއި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮގްރާމްތައް މިމަހުގެ ނިޔަލަށް މިނިސްޓްރީއަށް ހުށަހެޅޭނެކަމަށްވެސް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.