ޚަބަރު

އިންސާނީ ހައްޤުތަކުގެ މިންވަރުބަލާ ރާއްޖެއާބެހޭ ސެޝަން ޖެނީވާގައި


 ޔުނިވާރސަލް ޕީރިއޮޑިކް ރިވިއުގައި ރާއްޖޭގެ އިންސާނީ
ހައްޤުތަށް ހިމާޔަތް ކުރެވިފައިވާ މިންވަރު ބެލުމަށްޓަކައި ބާއްވާ ސެޝަން މިއަދު ސްވިޒަލޭންޑްގެ
ޖެނީވާގައި ކުރިއަށްދާނެއެވެ.މިސެޝަން ކުރިއަށްދާނީ ރާއްޖެގަޑިން ބުދަދުވަހު ހަވީރު 5:30 އިން ފެށިގެންނެވެ.
2010 ވަނައަހަރު ފުރަތަމަ ފަހަރަށް ޔޫޕީއާރ ސެޝަންގައި ރާއްޖެ ބައިވެރިވެފައިވާއިރު
ރާއްޖޭގައި އިންސާނީ ހައްޤުތަށް ހިމާޔަތް ކުރުމަށް މުޅިއެކު 126 ރިކޮމަންޑޭޝަނެއް ހުށައަޅާފައިވެއެވެ.
މީގެ ތެރެއިން އެކި ސަބަބުތަކާ ހުރެ 20 ރިކޮމަންޑޭޝަނެއް ބަލައި ނުގަނެ ދޫކޮށްލާފައިވެއެވެ.
އެކަންތައްތަކަކީ އިސްލާމީ ޝަރީއަތާ ފުށުއަރާ ކަންތައްތަކެއް ކަމަށް ފޮރިން މިނިސްޓްރީން
ވަނީ ބުނެފައެވެ.ބުދަ ދުވަހު އޮންނަ ސެޝަންގައި 2010 ވަނައަހަރު ހުށައަޅާފައިވާ ރިކޮމަންޑޭޝަންތަކަށް
ސަރުކާރުން އިޖާބަދެއްވާފައިވާ މިންވަރު ބަލާނެއެވެ. އަދި މީގެ އިތުރުން ފާހަގަކޮށްލެވޭ
އިތުރު ރިކޮމަންޑޭޝަންތައް ހުށައަޅާނެކަމަށް ބެލެވޭކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އަދި އެހުށައެޅުންތަކުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުންފަދަ ކަންކަން ހުށައަޅާނެކަމަށް
ބެލެވޭކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. 2010 ވަނައަހަރު ޔޫޕީއާރުން ހުށައަޅާފައިވާ
ރިކޮމަންޑޭޝަންތަކުގެ ތެރެއިން ބޮޑުބައެއް ސަރުކާރުން ފުރިހަމަ ކޮށްފައިވާކަމަށް ފޮރިންމިނިސްޓަރ
ދުންޔާ މައުމޫން ވަނީ ވިދާޅުވެފައެވެ. އެގޮތުން 2008 ވަނައަހަރު ޤާނޫނުއަސާސީ ތަސްދީޤު
ކުރިފަހުން އިންސާނީ ހައްޤުތަކާ ގުޅޭ ތަފާތު 100 ޤާނޫނެއް ރާއްޖޭގައި ފާސްކޮށްފައިވާކަން
ފާހަގަކޮށްލެވެއެވެ. ރާއްޖެ ބައިވެރިވާ ޔޫޕީއާރ ސެޝަން މިއަދު ހަވީރު 5:30ގައި ޓީވީއެމުން
ވަޤުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.