ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރަށް މޫސުން ގޯސްވާނެ


ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އެދާރާއިން ބުނީ ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ މެދުރާއްޖޭތެރެއަށް ކެރީގެ އަސަރުކުރިނަމަވެސް ދެކުނުގެ މޫސުން ޢާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން، ގަޑިއަކު 6 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައިކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަދަވާއިރު ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓު އޮފީހުން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުން ރާއްޖޭގެ ކަނޑުތައް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި އާންމު ގޮތެއްގައި ގަދަ ވާނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމަކަށްވާތީ ހުރިހާ ފަރާތަކުންވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމި އިދަރާއިން އިލްތިމާސްކުރެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.