ކުޅިވަރު

ބްރެޒިލް ޓީމުން ހޮންޑޫރަސްކޮޅަށް 7 ލަނޑު ޖަހައިފި


ކޮޕާ އެމެރިކާއަށް ތައްޔާރުވަމުންދާ ބްރެޒިލް ޓީމުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުގައި ހޮންޑޫރަސްކޮޅަށް ހަތް ލަނޑު ޖަހައިފިއެވެ.

ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަށް ތައްޔާރުވަމުންދާ ބްރެޒިލް ޓީމުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗު ކާމިޔާބުކުރީ ހަތެއް ސުމަކުންނެވެ. މިމެޗުގައި ބްރެޒިލްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިލއަ ޖެސުސް، ތިއާގޯ ސިލްވާ، ފްލިޕް ކުޓީންހޯ، ޑޭވިޑް ނެރޭސް، ރޮބާޓޯ ފިރްމީއޯ އަދި ރިޗާލިސަން. މިމެޗުގައި ޖެސުސް ވަނީ ދެ ލަނޑު ޖަހާފައިއެވެ.
މިމެޗުގައި ބްރެޒިލްގެ ބާސެލޯނާ މިޑްފިލްޑަރ އަރތޫރްއަށް ވަނީ އަނިޔާވެފައެވެ. އެހެންނަމަވެސް މެޗަށްފަހު ކޯޗު ޓިޓޭ ބުނީ އަރތޫރްއަށް ލިބިފައިވަނީ މާ ސީރިއަސް އެންޖެރީއެއް ކަމަށް ނުބެލެވޭ ކަމަށެވެ.

މީގެއިތުން ކޯޗު ވަނީ މުބާރާތުގައި އޭނާ ބޭނުންކުރާނެ ފުރަތަމަ އެގާރަ އަދިވެސް ޔަގީން ނުވާކަމަށް ބުނެފައިއެވެ. ރޭގެ މެޗުގައި ބްރެޒިލް ޓީމުން ކުޅެން ނިކުތް ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނުކަން ފާހަގަކުރަމުން ކޯޗު ޓިޓޭ ބުނީ ފުރަތަމަ އެގާރައިގައި މުބާރާތް ފަށާނީ ފިރްމީނޯތޯ ނުވަތަ ގެބްރިއަލް ޖެސުސްތޯ ޔަގީން ނުކުރެވޭކަމަށެވެ. ކުރިން ބުރަވެވުނީ ފިރްމީނޯ ލައިގެން މެޗު މުބާރާތް ފަށަން ކަމަށާއި، ނަމަވެސް ރޭގެ މެޗުގައި ޖެސުސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުކަމަށެވެ. ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ ފަނަރަ ވަނަ ދުވަހު ނިކުންނާނީ ބޮލީވިއާ އާއި ދެކޮޅަށެވެ.