ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރ، ސާޓެކްގެ ސަބަބުން މުޅި ދެކުނު އޭޝިޔާއަށް ވަރަށް ބޮޑު ފައިދާއެއްކުރާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ސާޓެކްގެ ތިންވަނަ ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރ، ސާޓެކްއަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ޚާއްސަކޮށްގެން އައިއެމްއެފް އިން ގާއިމުކޮށްފައިވާ ސެންޓަރެކެވެ.
ސާޓެކްގެ ތިންވަނަ ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ގޮތުން ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ދެކުނު އޭޝިއާ އަށް ދިމާވާވެފައިވާ މާލީ ގޮންޖެހުންތައް ހައްލުކުރުން އަވަސްކުރުމަށް އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި ސާޓެކުން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. ވަކިން ޚާއްސަކޮށް އިގްތިސާދީ އަދި މާލީ ދާއިރާއިން އެކި އެކި ޓްރެއިނިންތަކުގެ ފުރުސަތު ރާއްޖެ އަށް ލިބެމުންދާކަން ފިނޭންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެމް.އޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާޓެކްގެ ފަރާތުން ފާއިތުވި ދެއަހަރު ތެރޭ އެމްއެމްއޭ އަށް ޓްރެއިނިންގ ފުރުސަތުތަކާއި ފަންނީ އެހީތެރިކަން ލިބިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލުމުގަޔާއި ތަންފީޒުކުރުމުގައި ސާޓެކްގެ ފަންނީ އެހީތެރިކަން ލިބިފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި އެމްއެމްއޭގެ އިތުރުން އެހެން އިދާރާތަކަށްވެސް ސާޓެކްގެ ފަރާތުން ޓްރެއިނިންތައް ލިބިފައިވާ ކަމަށާއި މުސްތަގުބަލުގައި ޓްރެއިނިން ފުރުސަތުތައް އިތުރުކުރުމަށާއި އެކި ދާއިރާތަކަށް ބޭނުންވާ ޓްރެއިނިންތައް ވިލަރެސްކުރުމުގައި އެމްއެމްއޭއިން މުހިއްމު ދައުރެއް އަދާކުރާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި މި ބާއްވާ ބައްދަލުވުމުގެ ސަބަބުން ސާޓެކްގެ ހިންގުން މިހާރަށްވުރެ އުފެންދުންތެރި އަދި ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ޕެރައިޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ ސާޓެކްގެ ބައްދަލުވުމުގައި އައިއެމްއެފް އަދި ސާކުގެ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.