ވިޔަފާރި

ވޯލްޑް އެސް.އެމް.އީ ކޮންފަރެންސްގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ސަޢީދަށް


ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކާ ގުޅޭގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުންކަމަށްވާ، ވޯލްޑް އެސް.އެމް.އީ ކޮންފަރެންސްގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދުއަށް ލިބިވަޑައިގެންފިއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ބެއިޖިންގައި ކުރިއަށްދާ މިކޮންފަރެންސްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ސަޢީދު ތަޤުރީރުކުރައްވާނީ ވިޔަފާރީގެ މާހައުލުގައި ކުރިއަށްދާ ބައެއް ކަންކަމާއި، ވިޔާފަރީކުރުމުގައި ގެންގުޅޭ ބައެއް އުސޫލުތަކުގެ މައްޗަށްކަމަށް އޭނާ ވިދާޅުވިއެވެ.

މިފޯރަމްގައި ތަޤުރީރުކުރެއްވުމުގެ ފުރުޞަތުގެ އިތުރުން، ސަޢީދަށް ވަނީ ޗައިނާ އެސޯސިއޭޝަން އޮފް ސްލޯމް އެންޑް މީޑިއަމް ކޮމާޝަލް އެންޓަޕްރައިސަސްގެ ޖަމުޢިއްޔާގެ ލަފާ ދޭ ކޮމިޓީގެ މެމްބަރުކަންވެސް ލިބިވަޑައިގެންފައެވެ.

ސަޢީދުގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ތަޖުރިބާކާރުންނާއި ސަރުކާރުތަކުގެ އޮފިޝަލުން މިކޮންފަރެންސްގައި ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ބެއިޖިންގެ ޔަންގީ ލޭކް އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ބާއްވާ މިކޮންވެންޝަންގައި ދުނިޔޭގެ 50 އަށްވުރެ ގިނަ ޤައުމަކުން ދެހާހަށްވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުންނާއި ސިޔާސީ ފަރާތްތަކާއި ވިޔަފާރީވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.

މިއީ ވޯލްޑް އެސް.އެމް.އީ ކޮންފަރެންސްގެ ބާއްވާ ދެވަނަ އަހަރެވެ. އެންމެ ފުރަތަމަ މިކޮންފަރެންސް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ.

މިއަހަރުގެ ކޮންފަރެންސްގެ މަޢުޟޫއަކީ، " ގްލޯބަލް އިކޮނޮމިކް އިންޓަގްރޭޝަން – ޗެލެންޖާސް އެންޑް އޮޕުޗިއުނިޓީޒް ފޮރ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް"އެވެ. މިމަޢުޟޫގެ ދަށުން ބައިނަލްއަޤްވާމީ އިޤްތިޞާދު، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގެ އުފެއްދުންތެރިކަން އަދި މިނޫންވެސް ވިޔަފާރީއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.