ޚަބަރު

ރިސޯޓްތައް ހަދަން ތަންތަނުން ވެލި ނެގުން މަނާކުރަން ނިންމައިފި


ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެހެން ތަންތަނުން ވެލި ނެގުމުގެ އުސޫލު އުވާލަން ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާއި މެދު އިޙުމާލުވެ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް އަމަލުކުރަމުންދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ދަނީ ލިބެމުންކަމަށެވެ. އަދި މިކަމާއި ގުޅޭގޮތުން މިނިސްޓްރީއިން ވަނީ ފަތުރުވެރިން ބައިތިއްބާ އެންމެހައި ތަންތަނަށް ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގައި މިދިޔަ އޭޕްރީލްމަހު އަދި މޭމަހު ސަރކިއުލާއެއް ފޮނުވާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި އިޙުމާލުވާތީ މިކަމާއި މެދު ފިޔަވަޅު އެޅުމަށް މިމިނިސްޓްރީން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ވެލިން މުއްސަނދިކުރުމަށް ހަދާފައިވާ ވެލިނެގުމުގެ އުސޫލު އުވާލުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މި އުސޫލަކީ ރިޒޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެރިޒޯޓުގެ އިޙްތިޞާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ގައި އެކުލަވާލެވިފައިވާ އުސޫލެކެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ ފަޅުތަކުގެ ތިޣްވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިންމު މާޙައުލެއްކަމުން ފަޅުތައް ހިމާޔަތްކުރުމުގެ ގޮތުން، މި އުސޫލު އުވާލުމަކީ މުހިންމުކަމެއްކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައި ތިމާވެއްޓާއި ގުޅުންހުރި ކަންކަމަށް އިސްކަންދީގެން ޤައުމު ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މައިގަނޑު އެއް ފަލްސަފާ ކަމުގައި ވުމުން މިފަދަ ކަންކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.