ޚަބަރު

ސާރކްގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ވިއްކުމާއި ގުޅޭ މަޝްވަރާ ބައްދަލުވުން ފަށައިފި


ސާރކް ޤައުމުތަކުގެ މެދުގައި، ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް އުފައްދައި، އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމާއި ގުޅޭގޮތުން އެކުލަވާފައިވާ މަގުޗާޓާމެދު މަޝްވަރާކުރުމުގެ ހަތަރުވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

މި ބައްދަލުވުމަކީ މިކަމާގުޅޭގޮތުން ޤައުމުތަކުން ހުށަހަޅާފައިވާ ކަންކަމަށް، ސާކްގެ 7 ޤައުމުގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

ސަރކް ކައުންސިލް އޮފް އެކްސްޕަރޓް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސީޓީ) ގެ މި ބައްދަލުވުމުގައި މަޝްވަރާކުރާނީ އެއްގައުމުން އުފައްދާ ކަރަންޓު އަނެއް ޤައުމަށް ވިއްކާ، ބޭނުންކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

ބައްދަލުވުމާއި ގުޅޭ މަޢުލޫމާތު ޙިއްސާ ކުރައްވަމުން އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އަލީ ވިދާޅުވީ މި ބައްދަލުވުމުގެ ސަބަބުން ހަކަތަ ގަނެއްވިއްކުމުގެ ބާޒާރެއް އެކުލަވާލުމާއި، އެއްގަޢުމު އަނެއް ޤައުމަށް ކަރަންޓު ވިއްކައިގެން މަންފާ ހޯދިދާނެ ގޮތްތަކަކީ ކޮބައިތޯ ދެނެގަނެވިގެންދާނެ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ދަތިކަން ހުރި ޤައުމުތަކަށް، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހުރި ޤައުމުތަކުން އުފައްދާ ކަރަންޓު ގަނެވޭނެއެވެ.

"އެއްޤައުމު އަނެއް ޤައުމަށް ކަރަންޓު ޕީކް ގަޑިތައްވެސް ތަފާތުވޭ. މިފަދަ ވަގުތު ތަކުގައިވެސް އަދި އިތުރަށް އުފައްދާ ކަރަންޓު ގްރިޑަކުން އެއްޤައުމުން އަނެއްގަޢުމަށް ފޯރުކޯށްދެވޭނެ." އަޙްމަދު އަލީ ވިދާޅުވިއެވެ.

އަޙްމަދު އަލީ ވިދާޅުވީ އެ މަސައްކަތުގައި ދިވެހި ރާއްޖެއިން ބައިވެރިވެސް، މަގުޗާޓާއި ގުޅޭ އެއްބަސްވުމުގައި ރާއްޖެއިންވެސް ސޮއިކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތަކީ ސާކްގެ އެއްފަސް ޤައުމުތަކަށް އަމާޒުކޮށްފައިވާ މަސައްކަތެއް ކަމުގައިވީ ނަމަވެސް އެކަމުގެ މަންފާ ރައްޖެއަށްވެސް ކުރާނެކަމަށެވެ.

"ސަރަޙައްދަށް އަންނަ ކޮންމެ ކުރިއެރުމަކީ ރާއްޖެއަށްވެސް އޭގެ މަންފާ ކުރާނި ކަމެއް. މިއީ ޓެކްނޮލޮޖީގެ ގޮތުންވެސް އަދި ތަޖުރިބާގެ ގޮތުން ރާއްޖެއަށް މުހިންމުކަމަކަށް ވާނީ." އަޙްމަދު އަލީ ވިދާޅުވިއެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމަށް ބޭއްވި ޙަފްލާގައި އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލްވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ތެޔޮ ގަތުމަށް ބޮޑު ހޭދައެއް ކުރާ ޤައުމެއްކަމަށެވެ. އަދި ކަރަންޓުގެ އަގުގެ ޝަކުވާއަކީ ވިޔަފާރިވެރިންވެސް ކުރާ ޝަކުވާއެއްކަމަށާއި ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސާފު ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަކީ ވަރަށް ބޮޑު އާމާޒެއް. އޭރުން އަގު ހެޔޮވެ، ބޭނުންވާ ޢަމާޒަށް ވާސިލްވެވޭނެ." ފައްޔާޒް ވިދާޅުވިއެވެ.

ދެހާސް އެގާރަވަނަ އަހަރުގެ އައްޑޫ ސިޓީގައި ބޭއްވި ސަރކްގެ 17ވަނަ ސަރކް ސަމިޓުގައިވަނީ ހަކަތައިގެ ގުޅުން ވަރުގަދަކުރުމުގެ ފްރޭމްވަރކް އެގްރިމެންޓެއް އެކުލަވާލާފައެވެ. މި ބައްދަލުވުމަކީ މި މަސައްކަތުގެ ދަށުން 2016ވަނަ އަހަރު އެކުލަވާލި އެނަރޖީ ރެގިއުލޭޓްރސް އެކްސްޕަރޓް ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ.