ވިޔަފާރި

އައިހެވަންގެ ތަފްސީލުތައް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ


އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ އައިހެވަން މަޝްރޫއުގެ ތަފްސީލުތައް ތައްޔާރު ކުރުމަށް ހަވާލުކޮށްފައިވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރޫޕާއެކު އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން މިހަފްތާގެ ތެރޭގައި ސޮއިކުރެވޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައިދު ވިދާޅުވެއްޖެއެވެ. ޕަބްލިކް ސާވިސް މީޑިއާ، ޕިއެސްއެމަށް މަޢުލުމާތު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އައިހެވަންގެ ސާވޭ ހެދުމުގެ އެއްބަސްވުމުގައި މިހަފްތާގެ ތެރޭގައި ސޮއިކުރެވި، ސާވޭގެ މަސައްކަތް ދެހަފްތާގެ ތެރޭގައި ފަށާގަނެވޭނެކަމަށެވެ. ސަރުކާރުން އައިހެވަންގެ ސާވޭ ހެދުމުގެ ގޮތުން ސޮއިކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރުޕާއެވެ. މިގްރޫޕުން ހަދާ ދިރާސާތަކުގެ ތެރޭގައި ފައިނޭންޝަލް އަދި ޓެކްނިކަލް ފީސިބިލީގެ މަސައްކަތްތައް ހިމެެނެއެވެ. އެގޮތުން އިހަވަންދިއްޕޮޅަކީ އިންވެސްޓަރުން އިންވެސްޓްކުރުމަށް ކިހާ ޝައުގުވެރި ތަނެއްތޯ ދިރާސާކުރާނެކަމަށާއި، އެތަނުގައި އެންމެ އެކަށީގެންވަނީ ކޮންކޮން މަޝްރޫއުތަކެއްތޯވެސް ބަލާނެއެވެ.އިހަވަންދިއްޕޮޅުގައި ކުރާ ޓެކްނިކަލް ފީސިބިލިޓީގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެސަރަހައްދުގެ ފުންމިނާއި އެތަން އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ އިތުރަށް، ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ހަ ކޮމްޕޯނެންޓަކީ އެސަރަހައްދުގައި ތަރައްގީކުރަން އެންމެ އެކަށޭނަ ކަންކަންތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ. އަދި އައިހެވަން މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިއްކިދާނެ ބިމުގެ ބޮޑުމިނާއި އެ ކަމަށް ހޭދަވާނެ ފައިސާގެ އަދަދު ވެސް އެފަރާތުންކުރާނެ ދިރާސާތަކުގެ ތެރޭގައި ހިމެނެއެވެ.