ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމަށް ޓޫރިޒަމް މިނިސްޓަރ ވިވެކް އޮބްރޯއީއާއެކު މަޝްވަރާކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމާއި ގުޅޭގޮތުން ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ވިވެކް އޮބްރޯއީއާއެކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޝްވަރާކުރައްވައިފިއެވެ.

އާއިލާއާއި އެކު ރާއްޖޭގައި ޗުއްޓީ ހޭދުކުރަމުންދާ ވިވެކް އޮބްރޯއީ ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވާފައި ވަނީ މިއަދު ޓޫރިޒަމް މިނިސްޓްރީގައެވެ.

މިއީ ވިވެކް އޮބްރޯއީ ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރެވެ. މިނިސްޓަރ ޢަލީ ވަޙީދާއި އެކު ބޭއްވި ބައްދަލުވުމުގައި ވިވެކް ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ތައުރީފްކޮށް، ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށްފައެވެ.

މިހާރުގެ މިހާތަނަށްވެސް އިންޑިއާގެ ގިނަ އަދަދެއްގެ މަޝްރޫއު ފިލްމީ ފަންނާނުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އަބީޝޭކް ބަޗަން އާއި އައިޝްވަރިއާ ރާއީވެސް ވަނީ މިދިޔަ އޭޕްރީލްމަހު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.

އިންޑިއާއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް މާރކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރިލްމަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ސާޅީސް އަށް ހާހަށްވުރެ ގިނަ ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއި 95 އިންސައްތަ އިތުރު އަދަދެކެވެ.