ސިޔާސީ

ރައީސް ޔާމީން ޕާކިސްތާނަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި  އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއް ބުދަ ދުވަހު މެންދުރުފަހު ޕާކިސްތާނަށް ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުން މިއަދު ހަވީރު ޕާކިސްތާނަށް ވަޑައިގެންނެވުމުން ނޫރް ޚާން އެއަރބޭސްއިން އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވީ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްއެވެ.ރައީސްގެ ދެކަނބަލުން ޕާކިސްތާނުގެ ނޫރް ޚާން އެއަރބޭސްއަށް ފައިބައިވަޑައިގެންނެވުމުން ރައީސްގެ ދެކަންބަލުންނަށްވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިން ދެއްވާ ހާއްސަ ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވާނެއެވެ. އަދި ޕާކިސްތާން ބޮޑުވަޒީރަށް ލަފާއަރުވާ ޚާއްސަ މުޝީރާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. ފުރަމާނަ މިދަތުރުފުޅުގައި ރާއްޖެއާއި ޕާކިސްތާނާ ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ނާކޮޓިކްސްގެ ވިޔަފާރި ކުރުން ހުއްޓުވުމާބެހޭ އެއްބަސްވުމަކާ، ކުޅިވަރުގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން ދިނުމާބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތައުލީމާޢި ސިއްޙީ ދާއިރާއިން ގުޅުން ބަދަހި ކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި ކުޅިވަރުގެ ދާއިރާއިން ހާއްސަ އެއްބަސްވުމެއްގައިވެސް މާދަމާ ސޮއިކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެދުނުއެވެ. އެއެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތައްފަހު މީޑީއާ ސްޓޭޓްމެންޓެއް ދެއްވަމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްﷲ  މަސީހުވެސް ބައިވެރިވެވަޑައިގަންނަވައެވެ.