ޚަބަރު

ބިލު ބޮޑުވިއިރު ރެކޯޑު މިންވަރަކަށް ކަރަންޓު ބޭނުން ކޮށްފައިވޭ - ސްޓެލްކޯ


ކަރަންޓު ބިލު ބޮޑުވެ ޢާއްމުންގެ ޝަކުވާ އިތުރުވެފައިވާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހަށްވުރެ މިއަހަރުގެ އެޕްރީލްމަހުގައި ރިކޯޑު ޢަދަދަކަށް ކަރަންޓުވަނީ ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ސަބްސިޑީ ދޭއިރުވެސް ކަރަންޓު ބިލު ބޮޑުވެ ޢާއްމުންގެ ޝަކުވާތައް މިވަނީ އިތުރުވެފައެވެ. މިކަމާއި ގުޅޭގޮތުން ސްޓެލްކޯއިން ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މަރޗް މަހާއި އެޕްރީލް މަހު ބިލުތައް ބޮޑުވުމުގެ ޝަކުވާ ލިބޭކަމަށެވެ. އެހެންނަމަވެސް މިއީ ސަބްސިޑީއާއި ގުޅުންހުރިކަމެއް ނޫންކަމަށާ، މިދެމަހުގެ ދުވަސްތަކަކީ ޢާއްމުގޮތެއްގައި ކޮންމެ އަހަރަކުވެސް ހޫނު ގަދަ ދުވަސްވަރަކަށްވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްތަކެއްގެގޮތުގައި ފާހަގަކުރެވޭކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ފާއިތުވި 2 އަހަރުގެ ރޯދަމަސްވެސް ދިމަވެފައިވަނީ މިދުވަސްވަރާކަމުން ކަރަންޓު ބޭނުންކުރި ނިސްބަތް އިތުރުވެފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. މިއަހަރުވެސް ހަމަ މިމައްސަލަ ދިމާވިކަމަށާ، ވަކިވަކި ގޭބިސީތަކުގެ ބިލު ބޮޑުވާކަމުގެ ޝަކުވާ ސްޓެލްކޯއަށް ލިބޭއިރު ކޮންމެ އަހަރެއްގެ މިދުވަސްވަރު ކަރަންޓު ބޭނުންކުރާ ނިސްބަތް އެވްރެޖްކޮށް އިތުރުވަމުންދަކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އަހަރުން އަހަރަށް ބަލާއިރު، ކަރަންޓު ބޭނުންކުރާ އިންސައްތަ އިތުރުވަމުންދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށްކަން ސްޓެލްކޯއިން ފާހަގަކުރައްވައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗުމަހު މާލޭގައިވަނީ 13 މިލިއަން ކިލޯވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައެވެ. އަދި މިޢަދަދު މިއަހަރުގެ މާޗު މަހުވަނީ ބޮޑު ޢަދަދަކުން މައްޗަށް ޖެހިފައިކަން އެކުންފުނިން ފާހަގަކުރައްވައެވެ.

ސްޓެލްކޯއިން ހާމަކުރައްވާގޮތުގައި މިއަހަރުގެ މާޗުމަހު މާލޭގައިވަނީ 15 މިލިއަން ކިލޯވޮޓަށްވުރެ ގިނަ ކަރަންޓު ބޭނުންކޮށްފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2 މިލިއަން އިތުރު ޢަދަދެކެވެ. މިއީ މާޗު މަހުގެ ތަފާސްހިސާބެވެ. ދެން މިއަހަރު ބިލު އެންމެ ބޮޑުވެގެން ޢާއްމުންގެ ޝަކުވާ ބޮޑުވެފައިވަނީ އޭޕްރީލް މަހުގެ ބިލާ ދޭރެތޭގައެވެ. މިދިޔަ އަހަރު 14 މިލިއަން ކިލޯވޮޓަށްވުރެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވާއިރު މިއަހަރު މިޢަދަދު ވަނީ 17 މިލިއަން ކިލޯވޮޓާއެކު ރިކޯޑު ޢަދަދަކަށް އިތުރުވެފައެވެ. މިއީ 2.5 މިލިއަން ކިލޯވޮޓުގެ އިތުރުވުމުކެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ކަރަންޓު އަގުހެޔޮކުރުން ހިމެނެއެވެ. އެވަޢުދު ފުއްދުމަށްޓަކައި ސަރުކާރުންވަނީ މިހާރު ސަބްސިޑީ ދޭންފަށާފައެވެ. އެހެންނަމަވެސް ބިލުތަކުން މިކަން ނުފެންނަކަމުގެ ޝަކުވާ އިތުރުވަމުންދާއިރު ސްޓެލްކޯއިންވަނީ ސަބްސިޑީ ނުދޭނަމަ މިދުވަސްވަރުގެ ބިލުތައް މިއަށްވުރެ މާބޮޑުވާނެކަން ފާހަގަކުރައްވާފައެވެ.