ސިޔާސީ

ރައީސް ޔާމީން ޕާކިސްތާނަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ
އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި  އަނބިކަނބަލުން ފާޠިމަތު ‏‏އިބްރާހީމް،
‏ޕާކިސްތާނަށް ‏ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ބުދަ ދުވަހު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.  

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރައްވާ 2 ދުވަހުގެ މިދަތުރުފުޅުގައި
އެޤައުމުގެ ރައީސް މަމްނޫނު ހުސައިނާއި، ބޮޑުވަޒީރު ނަވާޒު ޝަރީފާ ބައްދަލުކައްވާ
ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޤަވާއިދާ
ޚިލާފަށް ނާކޮޓިކްސްގެ ވިޔަފާރި ކުރުން ހުއްޓުވުމާބެހޭ އެއްބަސްވުމަކާ، ކުޅިވަރުގެ
ދާއިރާއިން ދެޤައުމުން އެއްބާރުލުން ދިނުމާބެހޭ އެމް.އޯ.ޔޫ އެއްގައި ސޮއިކުރެއްވުމަށް
ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ތައުލީމާޢި ސިއްޙީ ދާއިރާއިން ގުޅުން ބަދަހި
ކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންގެ އިތުރުން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްﷲ 
މަސީހުވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު
މެންދުރުފަހު ތިންގަޑި ވިހި އެހާކަންހާއިރު ޕާކިސްތާނަށް ވަޑައިގަންނަވާނެއެވެ.
ރައީސްގެ ޕާކިސްތާނަށް ފުރާވަޑައިގެންނެވީ ޕާކިސްތާނު ސަރުކާރުން ފޮނުއްވި ޚާއްސަ
މަތިންދާބޯޓެއްގައެވެ. އެޤައުމުގެ ނޫރް ޚާން އެއަރބޭސްއިން ރައީސުލްޖުމްހޫރިއްޔާއަށް
މަރުޙަބާ ދަންނަވާނީ ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްއެވެ. މަރުހަބާ ދެންނެވުމުގެ
ރަސްމިއްޔާތު ޓީވީއެމުން ވަގުތުން ގެނެސްދޭނެއެވެ.