ކުޅިވަރު

އެފްއައިވީބީގެ މެންބަރުންގެ ބައްދަލުވުމުން ރާއްޖޭގެ ވޮލީއަށް އެހީތެރިކަން ހޯދަނީ


އެފްއައިވީބީގެ މެންބަރުންގެ ބައްދަލުވުމަކަށް ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ތައިލެންޑަށް ފުރައިފިއެވެ.

ދުނިޔޭގެ ވޮލީ ބޯލް ފެޑެރޭޝަން (އެފްއައިވީބީ)ގެ މެންބަރުންގެ ބައްދަލުވުމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް އާއިއެކު ފުރާފައިވަނީ އެސޯސިއޭޝަންގެ ސީނިއާރ ނައިބު ރައީސް މުހައްމަދު ފަހުމީއެވެ. ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޝާފީ މަޢުލުމާތުދިން ގޮތުގައި މިބައްދަލުވުމުގައި ރާއްޖޭގެ ވޮލީ ބޯޅައިގެ ކުރިމަގާއި ވޮލީގެ ތަރައްގީއާއި ބެހޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައިއެވެ. އަދި އެކިގައުމްތަކާއެކުވެސް ވަކިވަކިން މަޝްވަރާތައް ކުރިއަށްގެންގޮސް، އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ވޮލީއަށް ޓެކްނިކަލް ސަޕޯޓް ދިނުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރުމަށްވެސް ހަމަޖެހިފައިއެވެ. މިމަޝްވަރާތަކުގެ އިތުރުން މި ބައްދަލުވުމުގައި އަންނަ ސެޕްޓެމްބަރު މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބީޗް ވޮލީބޯޅަ މުބާރާތުގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވީއޭއެމުން މަޢުލުމާތުދިނެވެ.

ރާއްޖެއިންވަނީ 2015ވަނަ އަހަރުވެސް ބައިނަލަގްވާމީ ބީޗް ވޮލީ ބޯޅަ މުބާރާތެއް ބާއްވާފައެވެ.