ވިޔަފާރި

މެކްސިކޯއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑު ނުކުރަން ނިންމައިފި


މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

މެކްސިކޯއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑު ނުކުރަން އެމެރިކާގެ ރައީސް ނިންމަވާފައި މިވަނީ، މެކްސިކޯ ބޯޑަރުން ޤަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުންގެ މައްސަލައިގައި، މެކްސިކޯއިން އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޓެކްސް ފަހެއް އިންސައްތައަށް ބޮޑުކުރާނެކަމުގެ އިންޒާރު މީގެ ކުރިން ދިނުމަށްފަހުއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، މެކްސިކޯއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑު ނުކުރަން ނިންމީ ޤަވާއިދާ ޚިލާފަށް މީހުން އެތެރެވާ މައްސަލައިގައި މެކްސިކޯއާއެކު އެއްބަސްވުމަކާ ހަމައަށް އާދެވެމުންކަމަށެވެ. އެގޮތުން މެކްސިކޯއާއި އެމެރިކާ ގުޅޭ ދެކުނު ބޯޑަރުގައި ސަލަމާތީ ފިޔަވަޅުތައް ވަރުގަދަކުރަން މެކްސިކޯ ސަރުކާރުން އެއްބަސްވެފައިވާކަމަށް އެމެރިކާއިން ބުނެއެވެ.

އެމެރިކާއިން ކުރިން ނިންމާފައި އޮތީ، ހޯމަ ދުވަހުގެ ކުރިން މެކްސިކޯއިން ބޯޑަރު މައްސަލައިގައި ފިޔަވަޅެއް ނާޅައިފިނަމަ، ހޯމަ ދުވަހުން ފެށިގެން މެކްސިކޯއިން އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޓެކްސް 5 އިންސައްތައަށް ބޮޑުކުރުމަށެވެ.