ޚަބަރު

ޕީޕީއެމް ނޫން ޕާޓީތަކަށް މިއަހަރުގެ ބަޖެޓުން ފައިސާ ޖަމާކޮށްދީފި


ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް މި އަހަރު ދޫކުރަންޖެހޭ ފައިސާގެ ޕީޕީއެމް ނޫން އެހެން ޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުރުމަށް އެދި ފޮނުވުމުން ރަސްމީ 7 ދުވަސްތެރޭގައި ޖަމާކޮށްދީފައިވާކަމަށެވެ.

މިިދޔަ އަހަރު ނިމުމުނު އިރު 10000 މެމްބަރުން ތިބި ހަތަރު ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ދޫކުރަން ހަމަޖެހިފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އެހެންނަމަވެސް މި ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީއަކަށް ވަނީ ފައިސާދޫކޮށްފައެވެ.

އެނގިފައިވާ ގޮތުން ޕީޕީއެމަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައެއް ނުވެއެވެ.

ޕާޓީތަކަށް ފައިސާ ދޫކުރި އަދަދު

އެމްޑީޕީ: 12،749،191.09ރ.
ޖުމްހޫރީ ޕާޓީ: 2،059،960.36ރ.
އެމްޑީއޭ: 2،031،754.50ރ.

ޕީޕީއެމަށް ދޭންޖެހޭ ފައިސާގެ އަދަދު

ޕީޕީއެމް: 9،377،167.06ރ.


ޕާޓީތަކަށް ފައިސާ ދޫކުރިއިރު ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި ޚިލާފަށް ޕީޕީއެމްއިން ޚަރަދުކޮށްފައިވާތީ 95،000 ރުފިޔާއިން އެޕާޓީ ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އެމްޑީޕީ ވަނީ 60،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އެހެންކަމުން މި ދެޕާޓީއަށް ފައިސާ ޖަމާކުރުމަށް އިސީން ފިނޭންސަށް ފޮނުވާފައިވަނީ މި ޢަދަދު އުނިކުރުމަށްފަހުއެވެ.

އެންމެ ފަހުން އިލެކްޝަނަސް ކޮމިޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 10000 މެމްބަރުން ހަމަވާނީ ވެރިކަންކުރާ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްގައެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 54302 މެމްބަރުންނެވެ. ދެން އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ މެމްބެރުންގެ އަދަދީ 38020 އެވެ. ތިންވަނައަށް މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދީ 9335އެވެ.