ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް އިންޑިއިން މުހިންމު އެހީތަކެއް


އިންޑިއާގެ އެހީއާއިއެކު ރާއްޖޭގައި ކުރިއަށްގެންދިޔަ މުހިންމު ދެ މަޝްރޫޢުއެއް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި، ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެގޮތުން އިފްތިތާޙްކޮށްދެއްވާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން އިތުރުކުރުމަށް އިންޑިއާއިން ޤާއިމުކޮށްފައިވާ ކޯސްޓަލް ސަވައިލަންސް ރަރޑަރ ސިސްޓަމްގެ ޚިދުމަތާއި، ސިފައިންނަށް ތަމްރީންދިނުމަށް ޅ.މާފިލާފުށީގައި ޤާއިމުކުރި ޓްރެއިނިންގ ސެންޓަރެކެވެ.

މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

"ކޯސްޓަލް ސަވައިލަންސް ރާޑަރ ސިސްޓަމް"އަކީ ރާއްޖޭގެ ކަނޑުގެ ސަރަަހައްދު މޮނިޓަރކުރުމަށް ކުރިންވެސް އިންޑިއާގެ އެހީއައިއެކު ބޭނުންކުރި ސިސްޓަމެއް ނަމަވެސް، މިކަމުގެ އެއްބަސްވުމުގެ މުއްދަތު މީގެކުރިންވަނީ ހަމަވެފައެވެ. އެއްބަސްވުން އާކޮށް، މި ސިސްޓަމް އަލުން ރާއްޖޭގައި ޤާއިމުކޮށް އަނެއްކާވެސް މިވަނީ މި ޚިދުމަތް ރާއްޖެ ހިމެނޭ ސަރަޙައްދުގައި ފަށާފައެވެ.

ކޯސްޓަލް ސަވައިލަންސް ރާޑަރ ސިސްޓަމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދައް ވަދެ ނުކުމެ އުޅޭ އުޅަނދުތަކާއި، އަދި ޤަވައިދާ އެއްގޮތަށް މި ނިޒާމް ކުރިއަށްދޭތޯ ބެލުމުގައި މުހިންމު ދަޢުރެއް އަދާކުރާ ސިސްޓަމެކެވެ. މި ސިސްޓަމް މެދުވެރިކޮށް ކަނޑުމަތީގައި މޫވްމަންޓްތައް ޒަމާނީ ވަސީލަތްތަކުގެ އެހީގައި މޮނިޓަރކުރެވޭނެއެވެ. މި ސިސްޓަމް މިހާރުވެސް އިންޑިއާގެ އެހީއާއިއެކު ސީޝެލްސް، މޮރިޝަސް އަދި ސްރީލަންކާގައިވެސް ބޭނުންކުރަމުންދެއެވެ.

މީގެއިރުން ދެން އިފްތިތާޙްކޮށްފައިވަނީ ސިފައިން ތަމްރީންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ އެހީގައި ޤާއިމުކުރި "ކޮމްޕޮސިޓް ޓްރޭނިންގ ފެސިލިޓީ"އެވެ. މިއީ ސިފައިންގެ މަސައްކަތަށް ބޭނުންވާ ޒަމާނީ ތަމްރީނާއި، މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ޤާއިމުކުރި ޓްރެއިނިންގ ފެސިލިޓީއެކެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ކަނޑުގެ ސަރަަހައްދުގެ ރައްކާތެރިކަމާއިގުޅޭ މުހިންމު އެއްބަސްވުންތަކެއްގައިވެސް ސޮއިކޮށްފައެވެ. އެގޮތުން "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން އިންޑިއަން ނޭވީ އެންޑް ދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އޮން ވައިޓް ޝިޕިންގ"ގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަކީ ދެ ޤައުމުގެ ކަނޑުގެ ސަރަޙައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެކުލަވާލި އެއްބަސްވުމެކެވެ.

މީގެއިތުރުންވެސް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަރވޭއެއް ހެދުމާއި، ކަަނޑުގެ ރައްކާތެރިކަން އިތުރުކުރުމުގައި އެހީތެރިކަން ދިނުމަށް "ހައިޑްރޮގްރަފީ ސަރވޭ" އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ.