ޚަބަރު

އިންޑިއާގެ ބޮޑުވަޒީރުގެ އަރިހަށް ނައިބު ރައީސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި


ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަންނަވާފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވިކަމައްޓަކައި މަރުޙަބާ ވިދާޅުވެފައެވެ. ނައިބު ރައިސްވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ޕާޓީން އިންޑިއާގެ އާއްމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ މަރުޙަބާ ވިދާޅުވެފައެވެ. ނާއިބް ރައީސް ދެއްކެވި ވާހަކަފުޅުގައި މި ކާމިޔާބީއިން ރަމްޒުކޮށްދެނީ އިންޑިއާގެ ރައްޔިތުން ބޮޑުވަޒީރު މޯދީއަށާއި ބާރަތިޔާ ޖަނަތާ ޕާޓީއަށް ކުރާ އިތުބާރާއި އެޕާޓީއާއިމެދު އޮތް ޔަޤީންކަން ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިޖްތިމާޢީ ދާއިރާއާއި ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރެއްވުމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ނައިބު ރައީސްވަނީ އިންޑިއާ ސަރުކާރުން އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރެއްވުމަށްކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާއިން އަބަދުވެސް ރާއްޖެއާ ދޭތެރޭ ބަހައްޓަވާ ގާތްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެހީތެރިކަމަކަށް ބޭނުންވާ ހިނދު އެހީތެރިކަން ފޯރުކޮށްދެއްވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ނައިބުރައީސްވަނީ ޝުކުރުއަދާކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރު އާ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެއަށް ވަޑައިގަތްކަމީ މިކަމުގެ ހެއްކެއްކަމުގައި ނައިބު ރައިސްވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.