ޚަބަރު

ޕަބްލިކް ސާވިސް މީޑިއާގެ ބިލް ރައީސް ތަސްދީގު ކުރައްވައިފި


ރާއްޖޭގައި މިހާރު ހިނގަމުންދާ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އުވާލުމަށްފަހު ޕަބްލިކް ސަރވިސް މީޑިއާގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް ތަސްދީގު ކުރައްވައިފިއެވެ.ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބުނެފައިވަނީ، މިބިލް ޤާނޫނަކަށް ވުމުން މިހާރު އޮތް އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑު ޤާނޫނީގޮތުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި މިގާނޫންގެ ދަށުން އާ ގަވަނިން ބޯޑު އެކުލަވާލަން ޖެހޭނެކަމަށާއި، އެބޯޑުގައި އިސްކޮށް ތިއްބަވަނީ ޗެއާޕާސަން އާއި ވައިސް ޗެއާޕާސަންކަމަށް ބުނެފައިވެއެވެ.ގަވަނިން ބޯޑުގެ ޒިންމާތަކުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ސިޔާސަތުތައް ކަނޑައެޅުމާއި އިސް މެނޭޖްމަންޓު އެކުލަވާލާ މުވައްޒަފުންނާއި މުސާރައިގެ އޮނިގަނޑު ފާސްކުރުމާއި އެއަށް ބަދަލު ގެނައުން ހިމެނެއެވެ. އަދި ޕަބްލިކް ސާވިސް މީޑިއާގެ މަގުސަދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކަންކަން ހިންގުމުގެ މަގު ފަހިކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށް ދިނުމާއި ޕަބްލިކް ސާވިސް މީޑިއާގެ އިސް މެނޭޖްމަންޓުގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި އެފަދަ މީހުން ވަކިކުރުމަކީ ވެސް ގަވަނިން ބޯޑުގެ ޒިންމާގެ ތެރޭގައި ހިމެނޭކަމެއްކަމަށް ބުނެފައިވެއެވެ.