ޚަބަރު

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމަށް އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއެކު- މޯދީ


ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއި އެކުގައިކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާއާއި ރާއްޖޭގެ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުން އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މަޖިލީހުގެ އިދާރާއަށް ވަޑައިގަތުމަށްފަހު ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ ޝަރަފް ހާސިލު ކުރެއްވި ރާއްޖެއިން ބޭރުގެ މަތީފަންތީގެ ގެ ދެވަނަ ބޭފުޅާއެވެ. މޯދީގެ ކުރިން 2011 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެން އޭރު އިންޑިއާގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންހް ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރުކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރަށްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެގޮތަށް ފާސްކުރައްވާފައިވުމުންނެވެ. އެގޮތުން މަޖިލީހުގައި މިކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ވެރިކަންކުރާ މައި ޕާޓީ އެމް.ޑީ.ޕީގެ މެންބަރުންގެ އިތުރުން މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެމްބަރުންވެސް ވަނީ އެކަމަށް ތާޢީދުކުރަށްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ތަޤުރީރުކުރައްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ ޒަމާނުއްސުރެވެސް ގާތްގުޅުންތަކެއް ބަދަހިކުރަމުން އަންނަ ދެ ޤައުމުކަމަށެވެ. އެގޮތުން ރާއްޖެއަށް ދިމާވި ކޮންމެ ދަތިކަމެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭކަމީ މިކަން ހާމަވެގެންދާކަމެއްކަން ބޮޑުވަޒީރު ނަރެންދްރަ މޯދީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި އިންޑިއާއިން އަބަދުވެސް އޮންނާނީ ރާއްޖެއާއި އެކުގައިކަން ފާހަގަކުރައްވައި އިންޑިއާއިން އަވައްޓެރި ޤައުމުތަށް ތަރައްޤީކުރަން ގެންގުޅޭ، "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ބޮޑުވަޒީރު މޯދީ ފާހަގަކުރެއްވިއެވެ.

"މި ސަރަހައްދުކުރިއެރުމުގައި އެންމެންގެ އެކުވެރިކަން ބޭނުންވޭ. އެއީ ސްބްކާ ސާތް، ސަބްކާ ވިކާސްގެ ނަމުގައި އަޅުގަނޑުގެ ފޮރިން ޕޮލިސީގެ އަމާޒަކީވެސް. މި ފޮރިން ޕޮލިސީއިން އިންޑިއާ އާއިއެކު ސަރަހައްދުގެ ޤައުމުތަކަށްވެސް އިންޑިއާއިން ތަރައްޤީކުރުމަށް އަމާޒުހިފަން. އެގޮތުން އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ"ގެ ދަށުން ރާއްޖެއަށް ބޮޑު އަހައްމިއްޔަތުކަމެއް އިންޑިއާއިން ދެން." އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ވާހަކަފުޅުގައިވަނީ އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ 3 ގޮންޖެހުމަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޓެރަރިޒަމާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމަށް މި ސަރަހައްދުގެ ހުރިހާ ޤައުމެއް ގުޅިގެން މަސައްކަތް ކުރަންޖެހޭކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އިންޑިއާއިން ގެންގުޅޭ ސެކިއުރިޓީ އެންޑް ގްރޯތް އޮފް ދަ ރީޖަން، ސާގަރގެ ބްލޫޕްރިންޓްގެ ދަށުން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސެކިއުރިޓީގެކަންކަން އިންތިޒާމުކުރުމުގެ މުހިންމުކަން އިންޑިއާގެ ބޮޑު ވަޒީރު ފާހަގަކުރެއްވިއެވެ.

"ޓެރަރިޒަމަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މުސީބާތެއް. މިކަމުގެ ސަބަބުން އަޅގަނޑުމެން އެންމެނަށް ނުރައްކާ އޮތް އިރު އެތައް މައުސޫމު ރައްޔިތުންތަކެއް މިކަމުގެ ސަބަބުން ޝަހީދުވެގެންދޭ. މޫސުމަށް އަންނަ ބަދަލުތަށް ކުޑަކުރުމަށް ރާއްޖެއިން މި ސަރަހައްދަށް މިސާލުދައްކައިި ދީފައިވޭ. މިކަމުގައި އެންމެންގެ އެއްބާރުލުން ވަރަށްވެސް މުހިންމު. އިންޑިއާއިން ގެންގުޅޭ، ސެކިއުރިޓީ އެންޑް ގްރޯތް އޮފް ދަ ރީޖަން، ސާގަރގެ ބްލޫޕްރިންޓްގެ ދަށުން އިންޑޯ ޕެސިފިކް ސަރަހައްދުގެ ސެކިއުރިޓީގެކަންކަން އިންތިޒާމުކުރުން ވަަރަށް މުހިންމު" އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރުކުރެއްވުމަށް ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރާއްޖެއާއި އިންޑިއާއަކީ ގާތް ދެ ޤައުމުކަން ފާހަގަކުރައްވާ ދެޤައުމުގައި އެތްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މީހުން އާބާދުވި ދުވަހުން ފެށިގެން ރާއްޖެއާއި އިންޑިއާއަކީ އެއްކަހަލަ އާދަތަކެއް ގެންގުޅޭ ދެ ޤައުމެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. މަޖިލީހުގެ ރައީސްވަނީ އިންޑިއާއިން އަވައްޓެރި ޤައުމުތަށް ތަރައްޤީކުރަން ގެންގުޅޭ، "ނެއިބަރހުޑް ފަސްޓް ޕޮލިސީ" ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ރާއްޖެއިން ދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ރާއްޖެއާއި އިންޑިއާއަކީ އެއްކަހަލަ ކާއެއްޗެއް ކައި، އެއް މިއުޒިކެއް އަޑުއަހާ، އެއް ފޮތަކެއްކިޔާ، އެއްކޮށް ރޮއި ހީ ހަދާ ގުޅުން ބަދަހި ދެ ޤައުމު. އިންޑިއާއަކީ، ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ ބޮޑަށް ބަރޯސާވާ ޤައުމުކަން ފާހަގަކޮށްލަން ޖެހޭ. އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަކީ މިކަމުގެ ހެއްކެއް. އެގޮތުން ރާއްޖެއަށް ދިމާވި ކޮންމެ ދަތިކަމެއްގައި އިންޑިއާއިން ވަނީ ރާއްޖެއަށް އެހީތެރިކަމުގެ އަތް ފޯރުކޮށްދީފައި." މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ތަޤްރީރަށްފަހު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ، 1932 ވަނަ އަހަރު އަމަލުކުރަންފެށި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ކޮޕީއެއް ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް އަރުވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ އަވައްޓެރި ސްރީލަންކާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.