ކުޅިވަރު

ރައީސް ސޯލިޙަށް މޯދީ ޙާއްސަ ކްރިކެޓް ބެޓެއް ހަދިޔާކޮށްފި


އިންޑިއާ ޤައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ރަމްޒީ ކްރިކެޓް ބެޓެއް ރައީސް އިބްރާހިމް ސޯލިޙަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަދިޔާކުރައްވައިފިއެވެ.

މި ކްރިކެޓް ބެޓް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއަށް އަރުވާފައިވަނީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު އާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ސޯލިޙުށް އަރުވާފައިވާ މިހާއްސަ ބެޓްގައި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި އިންޑިޔާގެ ޤައުމީ ޓީމް ތަމްސީލް ކުރަމުންދާ 15 ކުޅުންތެރިންވަނީ މިބެޓްގައި ސޮއިކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙަކީ ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެއްކަމަށާއި މިހާރު ކުރިއަށްދާ ކްރިކެޓް ވޯލްޑްކަޕްގައި ކުޅެމުން އަންނަ އިންޑިޔާގެ ގައުމީ ޓީމްގެ ކުޅުންތެރިން ސޮއިކޮށްފައިވާ ކްރިކެޓް ބެޓެއް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

ކްރިކެޓަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަކީ ސްކޫލް ދައުރުން ފެށިގެން ކްރިކެޓް ކުޅުއްވާފައިވާ އަދި ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިޙު ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިޔާއާއިއެކު ވަރަށް ގާތް ގުޅުމެއް އަންނަނީ ބާއްވަމުންނެވެ. ރާއްޖޭގައި ކްރިކެޓްގެ ސްޓޭޑިއަމެއް އެޅުމަށް މިހާރު އިންޑިޔާއިންވަނީ އެއްބަސްވެފައެވެ. އަދި އިންޑިޔާ އާއި ރާއްޖޭގެ ސިލްސިލާ ކްރިކެޓް މެޗްތަކެއް ކުޅުމަށްވެސްވަނީ އެއްބަސްވެފައެވެ. މީގެ ފުރަތަމަ ސިލްސިލާ މެޗް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައިވަނީ ކުޅެފައެވެ.

މިމެޗް ކުޅުމަށް ރާއްޖެ އައިސްފައިވަނީ އެއާރ އިންޑިޔާގެ ޓީމެކެވެ. މިމެޗްގައި އިންޑިއާގެ މަޝްހޫރު ތަރި ޔުވްރާޖް ސިންގް ކުޅެފައިވާއިރު، މި މެޗުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުވަނީ ކުޅުއްވާފައެވެ.

ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް (ބީސީސީއައި) ގެ ދައުވަތަކަށް ބެންގަލޫރަށް މިދިޔަ އޭޕްރިލް މަހު ވަޑައިގެން އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ޗެންނާއީ ސުޕަ ކިންގްސް އާއި ރޯޔަން ޗެލެންޖާސް ބެންގަލޯ ކުޅުނު މެޗު ބައްލަވާލައްވައިފައެވެ. އެ މެޗުގެ ކުރިން ރޯޔަލް ޗެލެންޖާސްގެ ކެޕްޓަން ވިރާތު ކޯލީ އާއި ސުޕަ ކިންގްސްގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީ ވަނީ ރައީސް ސޯލިހަށް، ދެ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ އާއި ކްރިކެޓް ބެޓެއް ހަދިޔާކޮށްފައެވެ.