ވިޔަފާރި

ދަޢުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެއްޖެ


މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހު ދަޢުލަތަށް ލިބުނު އާމްދަނީއަށްވުރެ ޚަރަދުތައް އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މޭމަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.08 ބިލިއަން ރުފިޔާއެވެ. އަދި މުއްދަތުގައި ދައުލަތުން ހިނގި ޚަރަދު 9.75 ބިލިއަން ރުފިޔާއަށް އަރައެވެ. މިއީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހަ ސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ލިބުނު އާމްދަނީއަށްވުރެ ކުރި ޚަރަދުތައް އިތުރުވެފައިވާއިރު، އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ދަޢުލަތް ހިންގުމުގެ ޚަރަދަށެވެ.

އެގޮތުން ފުރަތަމަ 5 މަސް ދުވަހުގެ ތެރޭގައި ދައުލަތް ހިންގުމަށް ވަނީ 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަނެއްކޮޅުން ތަރައްޤީގެ މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާއެވެ.

ދައުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޭގެ ތެރެއިން 4 ބިލިއަނެއްހާ ރުފިޔާއަކީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްދިނުމަށް ހޭދަކުރި މިންވަރެވެ. އަދި އިދާރީ ހިންގުމަށް 3.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފުރަތަމަ 5 މަސް ދުވަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 9.08 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން 6.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު 6.9 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި، ޖީއެސްޓީގެ ގޮތުގައި ލިބުނު 3.5 ބިލިއަން ރުފިޔާއާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު 1.3 ބިލިއަން ރުފިޔާއާއި، ބީޕީޓީގެ ގޮތުގައި ލިބުނު 1.2 ބިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ނޫން ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރޭގައި، އެކިއެކި ފީއާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ 680 މިލިއަން ރުފިޔާއާއި، އެކިއެކި ބިމު ކުލީގެ ގޮތުގައި ލިބިފައިވާ 547 މިލިއަން ރުފިޔާ ހިމެނެއެވެ.