ވިޔަފާރި

ޗައިނާއާއެކު މަޝްވަރާކުރުމަށް އެމެރިކާ އޮތީ ތައްޔާރަށް - މިނޫޗިން


ޗައިނާއެކު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައަށް ޙައްލެއް ހޯދުމަށް މަޝްވަރާގެ ދޮރު ހުޅުވިފައިވާކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

ޖަޕާނުގައި ކުރިއަށްދާ ޖީ-ޓުވެންޓީ ޤައުމުތަކުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މިނޫޗިން ވިދާޅުވީ މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމަ ޙައްލުކުރުމަށް މަޝްވަރާކުރުމަށް އެމެރިކާއިން އޮތީ ތައްޔާރަށްކަމަށެވެ. ނަމަވެސް ބިނާކުރަނިވި އެއްބަސްވުމެއް ޤާއިމް ކުރެވޭނީ މިމަހު ފަހުކޮޅު އެމެރިކާއާއި ޗައިނާގެ ރައީސުން ބާއްވާ ބައްދަލުވުމަށްފަހުކަމަށްވެސް މިނޫޗިން ވިދާޅުވިއެވެ. އަދި އެބައްދަލުވުންތަކުގައި ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރެއްވިއްޖެނަމަ އެއީ ބޮޑު ކާމިޔާބީއެއްކަމަށާއި، އެހެން ނޫންނަމަ އެމެރިކާއަށް ޖެހޭނީ ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ނުވަތަ ޓެކްސް ބޮޑުކުރަންކަމަށް މިނޫޗިން ވިދާޅުވިއެވެ.

މިނޫޗިން ވިދާޅުވީ ޖީ-ޓުވެންޓީގެ މަލީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން ޗައިނާގެ ސެންޓްރަލް ބެންކުގެ ވެރިޔާއާ ބައްދަލުކުރި ނަމަވެސް، އެބައްދަލުވުމުގައި މިހާރު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ނުކުރައްވާނެކަމަށެވެ.

މިނޫޗިންގެ ވާހަކަފުޅުގައި އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިއަށްދިޔަ ވިޔަފާރީގެ މަޝްވަރާތައް ހުއްޓުމަކަށް އައީ، އެއްބަސްވުމަކާ ވަރަށް ގާތްވި ފަހުންކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މަޝްވަރާތައް ހުއްޓުނީ، މަޝްވަރާގެ ތެރެއިން ޗައިނާއިން އެއްބަސްވި ގޮތާ ޚިލާފުވުމުންކަމަށް މިނޫޗިން ވިދާޅުވިއެވެ. އެހެންކަމުން ދެން މިކަމުގައި ގޮތެއް ނިމިގެންދާނީ ދެ ޤައުމުގެ ރައީސުންގެ ބައްދަލުވުމަށްފަހުކަމަށް މިނޫޗިން ވިދާޅުވިއެވެ.

މިމަހުގެ ފަހުކޮޅު ޖަޕާނުގައި އޮންނަ ޖީ-ޓުވެންޓީ ސަމިޓުގެ ތެރެއިން ޗައިނާއާއި އެމެރިކާގެ ރައީސުން ބައްދަލުކުރުމަށް ނިންމާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، އެސަމިޓަށްފަހު ޗައިނާއިން އެތެރެކުރާ އިތުރު މުދަލުން ނަގާ ޓެކްސް ބޮޑުކުރުމާމެދު ގޮތެއް ނިންމަވާނެކަމަށެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލައިގައި އެމެރިކާއިން ބުނަނީ، އެމެރިކާގެ މާކެޓް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލެވިފައި ވީނަމަވެސް، އެމެރިކާގެ ކުންފުނިތަކަށް ޗައިނާގައި އެ ފުރުޞަތު ނޯންނަކަމަށެވެ. އެހެންކަމުން އެމެރިކާއިން ބޭނުންވަނީ ދެ ޤައުމުގެ ކުންފުނިތަކަށްވެސް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ބުނެފައެވެ.