ޚަބަރު

ގިނަ ދަރިވަރުންނަށް ލޯނު ނުލިބުނީ އުސޫލާއި ޚިލާފަށް ފޯމް ހުށަހަޅާފައިވާތީ - މިނިސްޓަރ


މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯން ސްކީމަށް އެދުނު ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކަކަށް ލޯނު ނުލިބުނީ ޢާއްމުކޮށްފައިވާ އުސޫލާއި ޚިލާފަށް އެޕްލިކޭޝަން ހުށަހަޅާފައިވާތީކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެފައިވަނީ މަތީ ތަޢުލީމާއި ތަމްރީނު ހޯދާ ފަރާތްތަކަށް ދޫކުރާ ލޯނަށް އެދުނު ފަރާތްތަކުގެ ތެރެއިން ލޯނު ނުލިބުނު ފަރާތްތަކަށް، ލޯނު ނުލިބުނު ސަބަބު މާދަމާ އެ މިނިސްޓްރީން ހާމަކުރައްވާނެ ކަމަށެވެ.

މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯން ސްކީމަށް ހޮވުނު ފަރާތްތައް އާންމު ކުރުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ލޯނަށް އެދި ހުށަހެޅި ފޯމުގައި މައްސަލަހުރި އިރު އެކަން ފާހަގަނުކޮށް ފޯމުތައް ބަލައިގެންފައިވާތީއާއި، ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ފޯމުތަކުގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް ފުރުޞަތު ދީފައި ނުވާކަން ފާހަގަ ކޮށްފައެވެ.

އެހެން ނަމަވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފޯމު ފުރުމުގައި ބަލަންޖެހޭ ކަންތައްތައް ހިމެނޭ އުސޫލުތަކަކާއެކު ކަން ފާހަގަކޮށްލެވެއެވެ. އަދި ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވަނީ ލޯނަށް އެދޭ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ފޯމު ހުށަހަޅާ ފަރާތްތައް ޑިސްކޮލިފައިވާނެކަން ކުރިން ހާމަކުރައްވާފައެވެ. އަދި ފޯމް ހުށަހަޅާއިރު އެކަމަށް ސަމާލުވުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްވެސް ކުރައްވާފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްޓޫޑެންޓް ލޯން ސްކީމަށް އެކި ދާއިރާތަކުން 830 ފަރާތަކުން ފޯމް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 84 ފަރާތަކަށެވެ. އަދި ބައެއް ދާއިރާތަކުން ކުރިމަތިލި އެއްވެސް ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެކި ދާއިރަތަކުން ޑިޕްލޮމާއަށް އެދުނު 21 ފަރާތަކަށް ލޯނު ހަމަޖެހިފައިނުވާއިރު، ޘަޤާފަތާއި ހެރިޓޭޖްގެ ދާއިރާއިން މާސްޓަރސްއަށް ކިޔެވުމަށް ލޯނަށް އެންމެ ފަރާތަކުން ކުރިމަތިލިއިރު އެފަރާތަށްވެސް ލޯނު ހަމަޖެހިފައެއް ނުވެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެންމެ ގިނަ މީހުން ލޯނަށް ކުރިމަތިލާފައިވަނީ އެކި ދާއިރާތަކުން ޑިގްރީއަށް ކިޔެވުމަށް ކަމަށެވެ. އެގޮތުން 232 ފަރާތަކުން ޑިގްރީއަށް ކިޔެވުމަށް ލޯނަށް ކުރިމަތިލިއިރު މީގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 30 ފަރާތަކަށެވެ. އަދި ޕީއެޗްޑީއަށް ކިޔެވުމަށް ލޯނަށް އެދުނު 35 ފަރާތުގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 2 ފަރާތަކަށެވެ.

މީގެ އިތުރުން ޕައިލެޓްކަން ކިޔެވުމަށް 184 ފަރާތަކުން ލޯނަށް އެދިފައިވާއިރު ލޯނު ހަމަޖެހިފައިވަނީ 5 ފަރާތަކަށެވެ. އަދި ސައިކޮލޮޖީއިން މާސްޓަރސް ފެންވަރަށް ކިޔެވުމަށް 10 ފަރާތަކުން ލޯނަށް އެދުނުއިރު ލޯން ލިބިފައިވަނީ އެންމެ ފަރާތަކަށެވެ. އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިންއަށް ކުރިމަތިލީ 79 ފަރާތްތަކުގެ ތެރެއިން ލޯނު ހަމަޖެހިފައިވަނީ 9 ފަރާތަކަށެވެ.

މީގެ ކުރިން މިނިސްޓްރީން ވިދާޅުވެފައިވަނީ މާޗުމަހު ހުޅުވާލި ލޯނުގެ ފުރުޞަތުގެ ދަށުން 242 ދަރިވަރަށް ލޯނު ދޫކުރާނެކަމަށެވެ.

އެހެންނަމަވެސް އެޕްލިކޭޝަން ފޯމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ނުވުމުގެ ސަބަބުން ލޯނަށް އެދުނު ގިނަ އަދަދެއްގެ ފަރާތްތަކަކަށް ލޯނު ލިބިފައިނުވާތީ މިމަހުގެ 20 ވަނަ ދުވަހު އަލުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވަނީ ވިދާޅުވެފައެވެ. މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު ސްކީމަށް ސަރުކާރުންވަނީ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައާޅާފައެވެ.