އެމެރިކާއިން ޗައިނާއަށް އެތެރެކުރާ އިތުރު މުދަލުން ޓެކްސް ނެގުމާމެދު ޖީ-ޓުވެންޓީ ސަމިޓަށްފަހު ގޮތެއް ނިންމާނެކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޓެކްސް އަނެއްކާވެސް ބޮޑުކުރާ ވާހަކަ އެމެރިކާގެ ރައީސް ދައްކާފައި މިވަނީ، ޗައިނާއިން އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް 25 އިންސައްތައަށް ބޮޑުކޮށްފައިވަނިކޮށެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ، ޗައިނާއިން އެެތެރެކުރާ މުދަލުގެ ތެރެއިން އިތުރު 300 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމާމެދު އެމެރިކާގެ ސަރުކާރުން މަޝްވަރާކުރަމުންދާކަމަށެވެ. އަދި އެކަމާމެދު ގޮތެއް ނިންމަވާނީ ޖީ-ޓުވެންޓީ ސަމިޓުގެ ތެރެއިން ޗައިނާގެ ރައީސްއާއެކު ބާއްވާ ބައްދަލުވުމަށްފަހުކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
ޖީ-ޓުވެންޓީ ސަމިޓުގެ ތެރެއިން އެމެރިކާއާއި ޗައިނާގެ ވެރިން ބައްދަލުކުރާނެކަމަށް ބެލެވޭއިރު، މިދިޔަ މޭ މަހަށްފަހު ވިޔަފާރީގެ މައްސަލައާމެދު ދެ ޤައުމުގެ މެދުގައި އެއްވެސް މަޝްވަރާއެއް ބާއްވާފައެއް ނުވެއެވެ. އެހެންކަމުން މިމަހު ޖަޕާންގައި ބާއްވާ ޖީ-ޓުވެންޓީ ސަމިޓަކީ ޗައިނާއާއި އެމެރިކާއާ ދެމެދު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމަ ކުރިއަށްދާނެ ގޮތަކާމެދު ގޮތްތަކެއް ނިންމާނެ ސަމިޓެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ކުރިއަށްދާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު އަސަރެއް ކުރާނެކަމަށް ވޯލްޑް ބެންކާއި އައިއެމްއެފުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާރުވެސް މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދު ހީނަރުވާން ފަށާފައިވާކަމަށް ވޯލްޑް ބެންކުން ބުނެއެވެ.