ޚަބަރު

ނަމާދަށް ހުއްޓާ ވެއްޓުނު މީހާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ


ޒިޔާރަތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓުނު އުމުރުން 44 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ.

ސ. ހިތަދޫ މޫންލައިޓްވިލާ އަޝްރަފު ސަޢީދު މަރުވެފައިވަނީ އައި.ޖީ.އެމް.އެޗްގެ އެމަރޖެންސީގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައިކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

އަޝްރަފް އަނބުރައިގަނެގެން ވެއްޓުމުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ ބޮޑީގާޑުންގެ އެހީގައި ނާއިބު ރައީސްގެ ކާރުކޮޅުގައެވެ.

އެނގިފައިވާގޮތުގައި ޒިޔާރާތް މިސްކިތުގައި ހުކުރު ނަމާދަށް ހުއްޓާ ވެއްޓިގެން އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ ކުރީގެ ހެލްތު މިނިސްޓަރުކަމާއި އެންވަޔަރަމަންޓް މިނިސްޓަރކަން ކުރައްވާފައިވާ ޑރ. މަރިޔަމް ޝަކީލާގެ ޢާއިލާގެ ބޭފުޅެކެވެ.