ސިޔާސީ

މޯދީ ތަޤްރީރުކުރައްވާ ޖަލްސާއާ ގުޅޭގޮތުން ޕީޖީ ލީޑަރުން މަޝްވަރާކުރައްވައިފި


އިންޑިއާގެ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ޚާއްޞަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޕާލިމެންޓަރީ ގުރޫޕް ލީޑަރުންނާ މަޝްވަރާ ކުރައްވައިފިއެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވެވި މަޝްވަރާގައި މަޖިލީހުގައި ތިއްބަވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ނާއިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމާއި، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި، އެމްޑީއޭގެ ފަރާތުން ދ.މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އިތުރުން ޖުމްހޫރީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުން އޮންނާނީ މާދަމާ އިރުއޮއްސި ހަގަޑި ސަޅީސް ފަހެއްގައެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.
ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެންމެ ފުރަތަމަ މޯދީ ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.