ސިޔާސީ

މޯދީގެ ދަތުރަށް މަރުޙަބާ ކިޔަން - ޕީޕީއެމް


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ އެކުވެރި ރައްޔިތުން ތަމްޞީލް ކުރެއްވުމަށް ކަމުގައިވާތީ އެމަނިކުފާނުގެ ދަތުރުފުޅު ބަލައިގަނެ މަރުޙަބާ ކިޔާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ދަތުރުފުޅުގައި މިހާރުގެ ސަރުކާރުގެ އިސްވެރިންތަކެއް މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް ސަލާމަތީ ބާރުތަކަށް ދަތިވާނެ ފަދަ ގޮތަކަށް ޢަމަލުކޮށްފައިވާ ކަމަށެވެ. އަދި ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒު ރާއްޖެއަށް ވަޑައިގަތުމަށް ނިންމެވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީ އިސްވެ އޮވެ ހިންގާފައިވާ ފަދަ ނާތަހުޒީބު ޢަމަލުތަކެއް ޕީޕީއެމްއާ ޕީއެންސީއަކުން ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައި އެވަނީ ސައޫދީއަށް ފ. އަތޮޅު ވިއްކާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކެވެ. އެ ވަހާތަކާއި ގުޅިގެން ސަލްމާން ރާޢްޖެއަށް ކުރަވަން އޮތް ދަތުރުފުޅު އެހެންކަމެއް މަތިކުރައްވާ ވަނީ ކެންސަލްކުރައްވާފައެވެ. އަދި އޭރު އިދިކޮޅު ފަރާތްތަކުން ދެއްކި ވާހަކަތައް ސަރުކާރުން ދޮގުކުރިނަމަވެސް ފ އަތޮޅުގައި ހިންގަން އުޅުނު މަޝްރޫއު ތަފުސީލެއް އޭރުގެ ސަރުކާރުން ހާމައެއް ނުކުރެއެވެ. އަދި ސަލްމާންގެ ދަތުރުފުޅު ކެންސަލްކުރުމުން އެ މަޝްރޫއުގެ ވާހަކަތައް ސަރުކާރުން ދައްކާފައެއްވެސް ނުވެއެވެ.

އަމިއްލަ ވެރިކަމެއް ރާއްޖެއިން ކުރަމުންދާއިރު ވަކި ޤައުމަކަށް ބަރޯސާވެގެން ރާއްޖޭގެ ސިޔާދަތަށް އަދި އިގްތިޞާދަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް ދިވެހި ސަރުކާރުން ނުކުރުމަށް ޕީޕީއެމް ބަޔާނުގައި ގޮވާފައިވެއެވެ. އަދި މޯދީގެ ދަތުރުފުޅުގައި ރާއްޖެއާއެކު ސޮއި ކުރުމަށް ނިންމާފައިވާ އެއްބަސްވުންތަކުގެ މައިގަނޑު ތަފްޞީލް ދިވެހި ރައްޔިތުންނަށް ޙިއްޞާ ކުރުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ ވެރިކަމުގައި މީގެކުރިން އެމްޑީޕީ އޮތްއިރު ރާއްޖޭގެ މައިދޮރާށި ނުއަގުގައި ވިއްކާލާފައިވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތުތަކަށް ބަލައި އަނެއްކާވެސް އެފަދަ ނިންމުމެއް ނިންމާފާނެ ކަމުގެ ފުރުޞަތު އެބައޮތް ކަމަށްވެސް ޕީޕީއެމްގެ ނޫސްބަޔާނުގައިވެއެވެ މި ނޫސްބަޔާނުގައި ބުނެފައިވަނީ މޯދީގެ ދަތުރުފުޅުގެ ކަންކަން ދިވެހިންގެ ސަޤާފަތަށް އިޙްތިރާމް ކުރައްވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ.

"އަދި ހަމައެއާއެކު މިހިނގާ ހަރޯދައިގެ ދުވަސްތަކުގެ ދުވަހެއްގެ މަޣްރިބު ނަމާދުގެ ފުރުޞަތު ނުލިބޭ ކަމަށް ފާހަގަކުރެވޭތީ ފަރުޟު ނަމާދުގެ ފުރުޞަތު މެންބަރުންނަށް ގެއްލޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ނުކުރެއްވުމަށް ރަައްޔިތުން މަޖިލީހުގެ ރައީސަށާއި ދަޢުލަތައް އިލްތިމާސްކުރަމެވެ،" ޕީޕީއެމް އަދި ޕީއެންސީގެ ބަޔާނުގައިވެއެވެ.

މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ. އަދި މާދަމާ އިރުއޮއްސޭއިރު ރައްޔިތުން މަޖިލީހުގައި މޯދީ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. މޯދީ ތަޤުރީރު ކުރައްވާ ވަގުތަކީ މަޣްރިބް ނަމާދު ވަގުތުކަމުން އެކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީ މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވާނީ މަޣްރިބު ނަމާދަށް ފަހުކަމަށެވެ.