ޚަބަރު

ބޭރުގެ ހުރިހާ އެމްބަސީތަކާއި މިޝަންތައް ހުޅުމާލެއަށް ބަދަލުކުރަނީ


މާލޭގައި ހުރި ބޭރު ޤައުމުތަކުގެ ހުރިހާ އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހުރިހާ އެމްބސީތައް އެއްތަނަަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން އެމްބަސީތަކަށް ބިން ކަނޑައަޅާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަރަހައްދުންނެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "ޕީއެސްއެމް ނިއުސް" އަށް ވިދާޅުވި އެމްބަސީތައް ހުޅުމާލެއަށް ބަދަލުކުރަން ނިންމާފައިވަނީ މާލެއަށް ދިމާވެފައި ތޮއްޖެހުމުގެ މައްސަލަ ކުޑަކުރުމަށެވެ. ޢަދި ބައެެއް ޤައުމުތަކުން ރާއްޖޭގައި އެމްބަސީ ހެދުމަށް އެދެމުންދާކަންވެސް އޮފިޝަލް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭރުގެ މިޝަންތަކާއި އެމްބަސީތައް ހުންނަނީ އެ ސަރަހައްދެއްގައެވެ. ޢަދި ވިއެނާ ކޮންވެންޝަން ބުނާ ގޮތުން އެމްބަސީ އެޅުމަށް އެއް ޤައުމުން ބިންދޫކުރާނަމަ އަނެއް ޤައުމުންވެސް ބިން ދޭންޖެހެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މި ވަގުތު ރާއްޖޭގައި ހުރި އެމްބަސީތަކަށް ހުޅުމާލެއިން ބިން ދޫކުރާނީ އެ ޤަޢުމުތަކުން އެދުމުން ކަމަށެވެ. އަދި އެމްބަސީތައް ބަދަލުކުރުމުން އެތައް ގޮތަކުން ފަސޭހަ ވެގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މިހާރުވެސް ގިނަ އެމްބަސީތައް ހަދާފައި މިހުރީ މީހުން ދިރިއުޅުމަށް ހަދާފައިވާ އެޕާޓްމަންޓްތަކުގައި. އެހެންކަމުން ޖާގައިގެ ދަތިކަމުގެ ޝަކުވާތައް ހުރޭ. އަދި އެމްބަސީތަކަށް ސަލާމަތީކަން ބެލެހެއްޓުމުގައިވެސް ދަތިތައް ކުރިމަތިވޭ " އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި ބޭރުގެ ހުރިހާ މިޝަންތަކާއި އެމްބަސީތައް ޤާއިމުކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30 ހާސް އަކަފޫޓްގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައެވެ.

މާލޭގައި ހުރި އެމްބަސީތަކުގެ ތެރެއިން ޗައިނާ، ބަންގްލަދޭޝް، ޕާކިސްތާނު، ސައުދީ އަދި ސްރީލަންކާ އެމްބަސީ ހިންގަމުން އަންނަނީ އާއްމުން ދިރިއުޅޭ އިމާރާތްތަކުގައެވެ.

އިންޑިއާގެ ބޮޑު ވަޒީރު މާދަމާ ރާއްޖެއަށް ފަށްޓަވާ ދަތުރުފުޅުގެ ތެރޭގައި ހުޅުމާލެއިން އިންޑިއާ އެމްބަސީ އެޅުމަށް ހަމަޖެހިފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފައެވެ. ހުޅުމާލެއިން އިންޑިއާ އެމްބަސީ އެޅުމަށް ބިންދޫކޮށްފައިވާއިރު ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރަން އިންޑިއާއިން ވަނީ އެޤައުމުން ރާއްޖެއަށް ބިން ދޫކޮށްފައެވެ.