ސިޔާސީ

ޤައުމު ދިފާއުކުރުމަށް ތައްޔާރަށް ތިބުމަށް ސިފައިންނަށް ގޮވާލައިފި


ގައުމުގެ މަސްލަހަތު ނަގާލައި ގައުމުގެ ސިޔާދަތަށްއުނިކަން ގެންނަން
މަސައްކަތް ކުރާ ޚާއިނުން އެބަތިބި ކަމަށާއި،  އެފަދަ ފަރާތްތަކުގެ ކިބައިން ގައުމު ސަލާމަތް
ކުރުމަށް ސިފައިން ކޮންމެ ދަނޑިވަޅެއްގައި ވެސް ނިކުންނަން ތައްޔާރަށް ތިބުމަށް
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިފައިންނަށް އިލްތިމާސް
ކުރައްވައިފިއެވެ.



އެ މަނިކުފާނު މި އިލްތިމާސް ކުރެއްވީ ސިފައިންގެ ޚިދުމަތަށް 123 އަހަރު
ފުރުމުގެ މުނާސަބަތުގައި ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްސަ ޖަލްސާގައި
ވާހަކަފުޅު ދައްކަވަމުންނެވެ.



ސިފައިންނާއި މުޚާތަބް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސިފައިން ވާން ޖެހޭނީ
ރާއްޖޭގެ ގާނޫނީ ވެރިކަމާއި ދައުލަތް ހިމާޔަތް ކުރުމަށް ކަމަރު ބަނދެގެން ތިބި
ބަޔަކަށް ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާ ޚާއިނުން
ގައުމުގެ އެތެރޭގައި އެބަތިބި ކަމަށާއި، އެފަދަ ފަރާތްތަކުގެ ކިބައިން ގައުމު
ސަލާމަތް ކުރުމަށް ސިފައިން ކޮންމެ ދަނޑިވަޅެއްގައި ނިކުންނަން ތައްޔާރަށް ތިބެން
ޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ސިފައިންނަކީ ފަސްޖެހުމެއް ނެތި ދިވެހި
ސިފައިންގެ ހުވާގެ މަތީގައިމަސައްކަތް ކުރަން ތިބި ބައެއް ކަމަށާއި،  މިއަދުގެ ހާލަތަށް ބަލާއިރު، މިހާރު ވެސް ގައުމުގެ
އެތެރޭގައި ޚާއިނުންގެ އަސަރު ފެންނަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.



މި ރަސްމިއްޔާތުގައި ވަހާކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މޭޖަރ
ޖެނެރަލް ރިޓަޔޑް މުސާ އަލީ ޖަލީލް ވިދާޅުވީ، ސިފައިންނަކީ އެއްވެސް ކަމެއްގައި
ފަސް ޖެހޭނެ ބައެއް ނޫން ކަމަށާއި، ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ކުރާ
މަސައްކަތުގެ ދަށުން ރައީސް އެކަނިކޮށްލާފައި ދާ ބައެއް ކަމުގައި ސިފައިން ނުވާނެ
ކަމަށެވެ. މޫސާ އަލީ ޖަލީލު ވިދާޅުވީ ސިފައިންގެ ސަފުތައް ފޫއަޅުލާވޭނެ ފަދަ
ފުރުސަތެއް ނުދޭނެ ކަމަށާއި، އެއީ ރައީސް ޔާމީނަށާއި، ދިވެހި ރައްޔިތުންނަށް ދޭން
އޮތް މެސެޖެއް ކަމަށެވެ.



ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ސިފައިންގޭގައި ޚިދުމަތް
ކުރެއްވި ފަރާތްތަކުގެ ތެރެއިން މަތިވެރި ޚިދުމަތުގެ އައްޑަނަ، އަދި ޚިދުމަތުގެ އައްޑަނަ ލިބިވަޑައިގެންނެވި ފަރާތްތަކަށް އައްޑަނަތައް
ދެއްވާފައިވެއެވެ. އަދި ވަކި ވަކި ފަރުދުންގެ ތެރެއިން ސިފައިންގެ
ޚިދުމަތަށް ކޮށްދެއްވާފައިވާ ކަންތައްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ
ލިޔުން ދީފައިވެއެވެ. މީގެ އިތުރުން ސިފައިންގެ އަސްކަރީ ހަރަކާތްތަކުގެ މައްޗަށް
ލިޔެފައިވާ  "އަސްކަރީ އަދަބު
އަހުލާގު" ގެ އަތްމަތީ ފޮތްވެސް ވަނީ ނެރެދެއްވާފައެވެ. މި ފޮތް ނެރެދެއްވީ
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. ޖަލްސާ
ނިންމާލައިވަނީ ޚާއްސަ ދުއާ އަކާއެކު، ސިފައިންގެ ލަވައިންނެވެ.