ވިޔަފާރި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރއަކަށް އުރީދޫ


ޓްރެވަލް ޓްރޭޑް މޯލްޑިިވްސް ޓީޓީއެމްގެ މިއަހަރުގެ ޓައިޓަލް ސްޕޮންސަރކަން އުރިދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަޤްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާއިއެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްގެން އަހަރުން އަހަރަށް ކުރިއަށްގެންދާ މި އިވެންޓަކީ، ރާއްޖެއާއި ރާއްޖޭއިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށްދޭ، ކޮންމެހެންވެސް ބައިވެރިވުން މުހިއްމު ބީޓުބީ އިވެންޓެކެވެ.

ހަމައެހެންމެ، ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބޭއްވިގެންދާ މިއަހަރުގެ ޓީޓީއެމް ސަމިޓު އަލިއަޅުވާލާދޭނީ ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިންގ، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށެވެ.

ޓީޓީއެމް ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން. ޑިިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި، ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަނީ ވަރަށް ބޮޑަށް ގުޅިފައި، އޯކާ މީޑިއާ ގްރޫޕާއި ގުޅިގެން، ޓީޓީއެމް އަށް އުރީދޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރ، އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

"ޤައުމުގެ އިޤްތިޞާދީ އަމާޒުތަކާއި، ފުދުންތެރިކަން އިތުރު ކުރުމުގައި އުރީދޫ އަކީ އަބަދުވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް. އަދި އަޅުގަނޑުމެންނެކޭ އެއްފަދައިން، 2025 ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުުމަށް ޓުއަރިޒަމްގެ ޞިނާޢަތަށް އެކިގޮތްގޮތުން އެއްބާރުލުންދެމުންދާ ކުންފުންޏެއް. މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށްގެންދިއުމުގައި ބައިވެރިވުމަކީ، މި އަމާޒާއި ހަމައަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިއްމު އެހީތެރިކަމެއް." އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިއެވެ.

މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ފެއާގައި، 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.