ޚަބަރު

މެރިއޮޓުން އޭޝިއާ ޕެސިފިކް ސަރަޙައްދުގައި 13 ރިސޯޓެއް ހުޅުވަނީ


ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި ޓޫރިސްޓް ރިސޯޓް ހިންގަމުން އަންނަ މެރިއޮޓް އިންޓަރނޭޝަނަލުން، މިއަހަރުގެ ތެރޭގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އިތުރު ތޭރަ ރިސޯޓެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

މީގެ ތެރޭގައި މިއަހަރުގެ އޮގަސްޓުމަހު ރާއްޖޭގައި ހުޅުވާ ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހިމެނެއެވެ.

މެރިއޮޓް އިންޓަރނޭޝަނަލުން މިހާރުވެސް ދަނީ ރާއްޖޭގައި 3 ރިސޯޓެއް ހިންގަމުންނެވެ. އެ ތިން ރިސޯޓަކީ ސެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓްއާއި، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސަޕާގެ އިތުރުން ޑަބްލިއު މޯލްޑިވްސްއެވެ.

އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މެރިއޮޓް އިންޓަރނޭޝަނަލުން މިހާރުވެސް ދަނީ ދުނިޔޭގެ 10 ޤައުމެއްގައި 130 މަތީ ފެންވަރުގެ ހޮޓާ އަދި ރިސޯޓު ހިންގަމުންނެވެ. ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މި އަހަރުތެރޭ 13 ރިސޯޓް ހުޅުވުމަށް ނިންމާފައިވާ އިރު، މެރިއޮޓް ބްރޭންޑުގެ ރިސޯޓުތައް މިއަހަރުތެރޭ ހުޅުވުމަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި، ދިވެހިރާއްޖެ، އޮސްޓްރޭލިއާ، ޗައިނާ އަދި އިންޑިއާ ހިމެނެއެވެ.

ޖޭޑަބްލިއު މެރިއޮޓް ބްރޭންޑުން ތަރައްޤީކުރަމުންދާ 4 ވަނަ ރިސޯޓް، އަންނަ އޮގަސްޓްމަހުގެތެރޭ ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. ށ އަތޮޅުގައި ތަރައްޤީކުރަމުންދާ މި ރިސޯޓްގައި 61 ވިލާ ހިމެނޭއިރު، ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލްއެއް ހުންނާނެއެވެ. އަދި ޓްރީޓޮޕް ރެސްޓޯރެންޓެއްވެސް މި ރިސޯޓުގައި ހުންނާނެ ކަމަށް މެރިއޮޓް އިންޓަރނޭޝަނަލުން ބުނެއެވެ.