ތަޢުލީމު

ޕޮލިޓެކްނިކްގެ ޖޫންމަހުގެ ކިޔެވުން މިމަހު 13ގައި ފަަށަނީ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ޖޫންމަހުގެ އިންޓޭކްގެ ކިޔެވުން މިމަހު 13ގައި ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެތަނުގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަޙްމަދު ނާޞިރު ވިދާޅުވީ، ޖޫންމަހުގެ އިންޓޭކްގެ ކިޔެވުން ފެށުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށެވެ. އަދި ޖޫން އިންޓޭކުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކޯސްތަކަށް ކުދިން ހޮވުމުގެ ކަންކަން ކުރަމުންދާކަމަށާއި، ބައެއް ކޯސްތަކަށް ކުދިން ހޮވުނުކަމުގެ އޮފަރ ލޭޓަރ މިހާރު ދޫކުރަން ފަށާފައިވާކަމަށްވެސް ނާޞިރު ވިދާޅުވިއެވެ.

ނާޞިރު ވިދާޅުވީ، ޖޫން އިންޓޭކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިހާރު ހަމަވެފައިވީނަމަވެސް، އަދިވެސް ބައެއް ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާއަކީ މިހާރު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާކަމަށްވާއިރު އެ ދާއިރާއިން ކުދިން ބިނާކުރުމަށް ޙާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު، އެ ކޯސްތައް އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ނާޞިރު ވިދާޅުވިއެވެ.

"މީގެ 2 މަހެއްހާ ދުވަސްކުރިން އިޢުލާންކޮށްފިން ޖޫން އިންޓޭކަށް. ޑެންލައިން މިހާރު ނިމި، ކުދިން ސެލެކްޓް ކުރުމުގެ މަރުހާލާ މިހާރު ކުރިއަށްދަނީ. ބައެއް ކޯސްތަކަށް އޮފަރލެޓަރސްތައް މިހާރު ދެމުން މިދަނީ. ޖޫން 13 ގައި މާލޭގައި ޖޫން އިންޓޭކްގެ ކިޔެވުން ފެށޭނެ. އެކަމަކު ބައެއް ދާއިރާތަކަށް އަޅުގަނޑުމެން އަދިވެސް ވާނީ އޯޕަންކޮށްފައި. ކުދިންގެ ތަރުޚީބަށް ބަލާ އަލުން އެ ޕްރޮގްރާމްތައް ފަށާނަން.." އަޙްމަދު ނާޞިރު ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްއިން ޖޫންމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޚާއްސަ ކޯހެއްވެސް ހިމެނެއެވެ. މިކޯހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ލެކްޗަރަރ ޢަބްދުއްރައްޒާޤް އާދަމް ވިދާޅުވީ، މިފަދަ ކޯހެއް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ކުދިންނާއި މެދު މުޖުތަމަޢުން ދެކޭދެކުން ބަދަލުކޮށް، އެކުދިންގެ ކިބައިގައިވެސް ހުރި ހުނަރުތައް ދެނެގަނެ، ވަޒީފާގެ ފުރުޞަތު އެފަދަ ކުދިންނަށްވެސް ފަހިކޮށްދިނުންކަމަށެވެ.

ރާއްޖޭގެ އެހެން ތަޢުލީމީ ވުޒާރާތަކާ ޚިލާފަށް ޕޮލިޓެކްނިކަކީ ތަޢުލީމު އުންގަންނައިދިނުމުގެ އިތުރުން ވާޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ޙާއްސަކޮށްގެން ކޯސްތައް ހިންގާ ވުޒާރާއެކެވެ. ޕޮލިޓެކްނިކްގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެތަނުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ސަރުކާރު ކުންފުނިތަކާއި ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.