ވިޔަފާރި

މާލީ ޙާލަތު ރަނގަޅުކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޖެޓް ކުޑަކޮށްފި


ޕާކިސްތާނުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އެޤައުމުގެ އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމަށް ނިންމައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ އެޤައުމުގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ބާރުގަދަ އަސްކަރިއްޔާގެ ބަޖެޓް މިއަހަރު ކުޑަކުރުމަށް އަސްކަރިއްޔާގެ ވެރިން އެއްބަސްވެފައިވާކަމަށެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކާމިޔާބުވި މަސައްކަތެއް ނޫނެވެ. ނަމަވެސް އެޤައުމުގައި ވެރިކަން ކުރެއްވި އެހެން ބޭފުޅުންނާ ޚިލާފަށް އިމްރާން ޚާންއާއި އަސްކަރިއްޔާގެ ޖެނަރަލުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުވުމަކީ މިކަމަށް މަގުފަހިވެގެންދިޔަ ސަބަބެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނުގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ރަނގަޅުކުރުމަށް ބޮޑުވަޒީރު އިމްރާން ޚާން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައިއެމްއެފުން ބިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ނަމަވެސް މި ލޯނު ހަމަޖެހިގެންދާނީ އައިއެމްއެފުން ހުށަހަޅާގޮތަށް އެޤައުމުގެ ކަންކަން އިސްލާހުކޮށްގެނެވެ. އޭގެ ތެރޭގައި އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމާއި ޕާކިސްތާނުގެ ބަޖެޓުން ބިލިއަނެއްހާ ޑޮލަރު މަދުކުރުން ހިމެނެއެވެ.

ޕާކިސްތާނުގެ މާލީ އަހަރު ޖުލައި އެކެއްގައި ފަށާއިރު، މިމަހުގެ ތެރޭގައި ޕާކިސްތާނުން ޚަރަދުތައް ކުރާނެ ގޮތުގެ ތަފްސީލް ޢާއްމުކުރާނެއެވެ. ޕާކިސްތާނުގައި އޮންނަ އުސޫލުގެ ދަށުން ބަޖެޓުގެ ދެބައި ކުޅަ އެއްބައި ޕްރޮވިންސްތަކަށް ބަހާލަންޖެހެއެވެ. އަދި ބާކީ ހުންނަ ބައި އާއްމު ގޮތެއްގައި ޚަރަދުކުރަނީ ދަރަނި ދެއްކުމަށާއި އަސްކަރިއްޔާގެ ބޮޑެތި ޚަރަދުތަކަށެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ބަޖެޓް ކުޑަކުރުމަށް އެޤައުމުގެ އަސްކަރިއްޔާއިން އެއްބަސްވުމުން އެކަމަށް ބޮޑުވަޒީރު އިމްރާން ޚާން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭގެ ސަބަބުން ތަރައްޤީ ނުވެ ހުރި ސަރަޙައްދުތައް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ ޚަރަދުތައް ކުޑަކުރުމަށް ނިންމި ނަމަވެސް، ޚަރަދުތައް ކުޑަކުރާނެ މިންވަރެއް ހާމައެއް ނުކުރެއެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ އެއްވެސް މަސައްކަތަކުން ޚަރަދުކުޑަ ނުކުރާނެކަމަށެވެ.