ވިޔަފާރި

މޫސުމީ ބަދަލުތަކުން ކުންފުނިތަކަށް 1 ޓްރިލިއަން ޑޮލަރުގެ ގެއްލުން


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރާ އަސަރުތަކުން ދުނިޔޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހޭނެކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ތިމަވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ވިޔަފާރި ކުންފުނިތަކަށް ލިބޭ ގެއްލުން ދިރާސާކުރާ އިނގިރޭސިވިލާތުގެ ޖަމުޢިއްޔާއެއް ކަމަށްވާ ކާބަން ޑިސްކޮލޯޝަރ ޕްރޮޖެކްޓް، ސީޑީޕީން އާއްމު ކުރި ރިޕޯޓެއްގައެވެ.

ސީޑީޕީގެ ރިޕޯޓުގައި ތިމާވެއްޓަށް އަންނަ އެކި ބަދަލުތަކުގެ ސަބަބުން ކުރިއަށް އޮތް 5 އަހަރު ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކަށް އެއް ޓްރިލިއަން ޑޮލަރު ނުވަތަ އެއް ހާސް ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާންޖެހިދާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ހަމަ އެކުންފުނިތަކުން ތިމާވެއްޓާ ރަށްޓެހި އުފެއްދުންތައް ވިއްކައިގެން 2 ޓްރިލިއަން ޑޮލަރުގެ އާމްއަނީއެއް ލިބިދާނެކަމަށްވެސް މިރިޕޯޓުގައިވެއެވެ.

ސީޕީޑީން މިރިޕޯޓް އެކުލަވާލާފައިވަނީ އެޕަލް، މައިކްރޯސޮފްޓް، ޖޭޕީ މޯރގަން އަދި ވިސާފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތައް ހިމެނޭ ގޮތަށް ހަތް ހާހަށްވުރެ ގިނަ ކުންފުނިން އެއްކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ސީޕީޑީން ބުނީ ބޮޑެތި ކުންފުނިތަކުން ތިމާވެއްޓަށް އަންނަ ބަދަލުތަކާ މެދު ފިޔަވަޅު އެޅުން ލަސްކުރެވޭކަށް ނެތްކަމަށެވެ. އަދި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑެތި ކުންފުނިތަކަށް ލިބޭ ގެއްލުން އެންމެންނަށް އެނގޭ ގޮތަށް އާއްމުކުރުމަކީވެސް ރަނގަޅުކަމެއްކަމަށް ސީޕީޑީން ބުންޏެވެ.