ޚަބަރު

ތްރީއޭ މައްސަލައިގެ އަޑުއެހުމަށް މީރާއިން ހާޒިރުނުވުމުން މައްސަލަ ބޭރުކޮށްލައިފި


ތްރީއޭ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި ޖޫރިމަނާ އެއްފަހަރާ ނަގައިދިނުމަށް އެދި މީރާއިން ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް އެ އޮތޯރިޓީން ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ދައުލަތައް ދައްކަންޖެހޭ ޓެކްސް ފައިސާ އާއި އެފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އެއްފަހަރާ ނަގައިދިނުމަށް އެދި މީރާއިން މި މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމުން، ކޯޓުން އެ މައްސަލަ ތާވަލްކުރީ މެއިމަހުގެ 26ވަނަ ދުވަހުގެ 10:15 ގައި ކުރިއަށްގެންދިއުމަށެވެ.

ނަމަވެސް ޝަރީއަތުގެ މަޖިލީހަށް މަޤްބޫލު އުޒުރެއްނެތި ކަނޑައެޅިފައިވާ ގަޑިއަށް މީރާ ހާޒިރުނުވުމުން ސިވިލްކޯޓުން ވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 29 ވަނަ މާއްދާގެ ހ ގެ 1 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ފޯމު ބާތިލުކޮށް ހުކުމްކޮށްފައެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ތްރީއޭ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި ލީސް ރޭންޓާއި، އެ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ އާއިއެކު ޖުމްލަ 3،091،780.41 މިލިއަން ޑޮލަރު ނަގައިދިނުމަށް ވަނީ އެދިފައެވެ. މީރާއިން މި މައްސަލަ ސިވިލްކޯޓަށް ވައްދާފައިވަނީ، މިދިޔަ އަހަރުގެ ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ.

ތްރީއޭ މައްސަލައިގެ އަޑުއެހުމަށް މީރާއިން ހާޒިރުނުވުމުން އެ މައްސަލަ ސިވިލްކޯޓުން ބޭރުކޮށްލާފައިވާއިރު، ތްރީއޭ ކުންފުނީގެ ފިލިތެޔޮ ރިސޯޓުން އެކަނިވެސް ދައުލަތަށް 8 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބެންޖެހޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. ދައުލަތަށް ޓެކްސް ނުދެއްކުމުން ޓޫރިޒަމް މިނިސްޓްރީން ވަނީ ތްރިއޭއިން ހިންގަމުން އައި ފިލިތެޔޮ ރިސޯޓުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓާފައެވެ.

ނަމަވެސް މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ، ތްރީއޭ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިންމުމަށް 1 އަހަރު ދުވަހުގެ މުއްދަތެއް ދީ، ރިސޯޓް ހިންގުމުގެ ހުއްދަވެސް ދީފައެވެ.