ކުޅިވަރު

ބްރައިޓް ޗެލެންޖް ކަޕް ފަށައިފި


މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ ބްރައިޓް ޗެލެންޖް ކަޕް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެވެސް އީދާއި ދިމާކޮށް އއ.ތޮއްޑޫގައި ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ.

12 ޓީމްއަކުން ބައިވެރިވި މިމުބާރާތް މިއަހަރުވަނީ ހަތަރު ގުރޫޕްއަކަށް ބަހާލާފައެވެ. މިއަދު ފެށި މިމުބާރާތުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފައިވަނީ އެފްސީ ބާގީއެވެ. އެފްސީ ބާގީ މެޗް ކާމިޔާބުކުރީ އެފްސީ ލެޖެންޑާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެފްސީ ލެޖެންޑް ޓީމްއިން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިޔައެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގްގެ ބޭބެ އަލީ އަޝްފާން އާއި ރިލަވާން ވަދީދުގެ އިތުރުން ޝާދިން ފާހަގަކޮށްލެވެއެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ ފުރަތަމަ ހާފްގައި އެފްސީ ބާގީއަށް ކާމިޔާބުކޮށްދިނީ އަލީ އަކްސަމެވެ.

މެޗްގައި ދެ ޓީމްގެ ގޯލް ކީޕަރުންގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗްގެ ދެވަނަ ހާފްގައި އެފްސީ ލެޖެންޑް ޓީމްއިންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާ، އެފްސީ ބާގީ ޓީމްގެ ގޯލްއަށް ނުރައްކާކޮށްފައެވެ. ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތްވަނީ ލެޖެންޓް ޓީމްއަށް ނުވެފައެވެ.

މިއަދު ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ހެލޯ ބޭބީއެވެ. ހެލޯ ބޭބީ މިމެޗް ކާމިޔާބުކޮށްފައިވަނީ ފެރެންޑްސް ޔުނައިޓަޑްއާއި ވާދަކޮށް 6 ލަނޑު 0 ލަނޑުންނެވެ. މެޗްގައި ހެލޯ ބޭބީގެ ލަނޑުތަށް އެޓީމްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒިޔާދު 4 ގޯލް، އިޒްމީން އަހުމަދު އަދި މުހައްމަދު ޝަފްރާޒްއެވެ.

މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމްއަށް 45،000 ރުފިޔާ އަދި ދެވަނަ ޓީމްއަށް 15،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.